ދުނިޔެ

ނިއުޔޯކްގައި ބޮމުގެ ހަމަލާއެއް ދީފި

އެމެރިކާގެ ވިޔަފާރީގެ މަރުކަޒީރަށް ނިއުޔޯކް ސިޓީގައި މާ ބާރުގަދަ ނޫން ބޮމުގެ ހަމަލާއެއް ދީފިއެވެ.

އެމެރިކާގެ ނޫސްތަކުން ބުނީ ނިއުޔޯކް ސިޓީގެ މެންހާޓުން ޖަޒީރާގައިވާ ބަަސް ސްޓޭޝަނަކަށް މިއަދު ހެނދުނު ދިން އެހަމަލާގައި ހަމަލާ ޒަހަމްވީ ހަމަ އެކަނި މީހަކީ ހަމަލާ ދިން މީހާއެވެ. ބައެއް ރިޕޯޓްތަކުގައި ބުނެފައި ވަނީ އެހެން ކަންތައްް ވީ ޕައިޕް ބޮމެއް ހިފައިގެން ބަސް ސްޓޭޝަނަށް އެމީހާ އައިސް، ހަމަލާދިނުމަށް ފިޔަވަޅެއް އެޅުމުގެ ކުރިން އޭނާގެ އަތަށް ބޮން ގޮވީމާ ކަމަށެވެ.

ހަމަލާއަމާޒުވި ބަސް ސްޓޭޝަނަކީ މަސައްކަތަށް މީހުން ނުކުންނަ ވަގުތު ވަރަށް ކާރޫބާރޫ ބޮޑުވާ ތަނެކެވެ. ހާދިސާއާ ގުޅިގެން އެ ސަރަހައްދުން މިހާރުވަނީ މީހުން ހުސްކޮށްފައެވެ. އަދި އެހަމަލާގެ ތުހުމަތަށް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު ސާރާ ހަކަބީއާ ހަވާލާދީ ނޫސްތަކުން ބުނީ ހަމަލާގެ ތަފުސީލު ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް މިހާރު ދީފައިވާ ކަމަށެވެ.

އެމެރިކާގައި ހަމަލާއެއް ދީފައި މިވަނީ މުސްލިމުންނާއި ނަޞާރާއިންގެ ވެސް މުގައްދަސް ރަށެއް ކަމަށްވާ ގުދުސަަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަނެ، އިޒްރޭލުގައިވާ އެމެރިކާ އެމްބަސީ އެރަށަށް ބަދަލު ކުރަން ޓްރަމްޕް ނިންމެވުމުން ރުޅިވެރިކަން ފެތުރިފައިވާ ވަގުތެއްގައެވެ. ނަމަވެސް ހަމަލާ ދިނީ މުސްލިމެއްކަން ނުވަތަ ނަސާރާއެއް ކަމެއް އަދި އޮޅުމެއް ނުފިލައެވެ. ހަމަލާ ދިން ސަބަބަކާ ބެހޭ ގޮތުން އެމެރިކާ ފުލުހުންވެސް އަދި އެގައުމުގެ ނޫސްތަކުން އަދި ވަކި އެއްޗެއް ނުބުނެއެވެ.