ދުނިޔެ

ހަނދަށް މީހުން ފޮނުވަން ޓްރަމްޕް އަމުރެއް ނެރެނީ

އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ފޮނުވުމަށާއި އެއާ ވިދިގެން މާސް އަށް ވެސް މީހުން ފޮނުވުމަށް އެމެރިކާގެ ރައީސްް ޑޮނަލްޑް ޖޭ ޓްރަމްޕް އަމުރެއް ނެރުއްވަން އުޅުއްވާ ކަމަށް ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ބުނެފިއެވެ.

ރޮއިޓާސް ބުނީ 'ސްޕޭސް ޕޮލިސީ ޑައިރެކްޓިވް1" ގެ ނަމުގައި ޓްރަމްޕް މިއަދު ސޮއިކުރައްވާ ގަރާރުގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއަަށް އަމުރު ކުރައްވާނީ ހަނދަށާއި މާސްއަށް މީހުން ފޮވުމަށް މަގު ފަހި ކުރެވޭ ފަދަ މަޝްރޫއެއް ފެށުމަށް ކަމަށެވެ.

ވައިޓްހައުސްގެ ތަރުޖަމާނު ހޯގަން ގިޑްލީ އާ ހަވާލާދީ ރޮއިޓާސް ބުނީ ޓްރަމްޕްގެ ގަރާރު އެކުލަވައިލާފައި ވަނީ ނާސާގެ އިރުޝާދު ހޯއްދަވައިގެން ކަމަށެވެ.

"އަހަރެމެންގެ ގައުމުގައި އިންސާނުން ޖައްވަށް އުދުހުމަށް ގެންގުޅުނު ސިޔާސަތު އޭނާ ބަދަލުކުރައްވާނެ. އެއީ ޖައްވީ މަސައްކަތުގައި ނަގާކިޔާ ގައުމަކީ އެމެރިކާ ހެއްދެވުމަށް،" ގިޑްލީއާ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

އިންސާނުން އެންމެ ފުރަތަމަ ހަނދަށް ދަތުރުކުރި ކަމަށް ދައުވާކޮށްފައި ވަނީ 1969 ވަނަ އަހަރުއެވެ. އެފަހަރު އެމެެރިކާގެ ޖައްވީ އުޅަނދެއް ކަމަށްވާ އެޕޯލޯ11 ހަނދަށް ތިރިކޮށް، މީހުން ފޭބިކަމަށް އެމެރިކާއިން ވަނީ ތާރީހުގައި ލިޔެފައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެއްވެސް ބަޔަކު އެފަދަ ކަމެއް ކުރި ކަމަކަށް އަދި ދައުވާއެއް ނުކުރެއެވެ.