ދުނިޔެ

ލީބިޔާގައި ހިންގާ ޖަރީމާތަކުގައި އީޔޫ ސަރުކާރުތައް ޝާމިލުވޭ: އެމްނެސްޓީ

ހިޖުރަކުރާ މީހުންނާއި ރެފިއުޖީންނާ ދެކޮޅަށް ލީބިޔާގައި ހިންިގި އިންސާނިއްޔަތާ ހިލާފު ޖަރީިމާތައް ޔޫރަޕިއަން ޔޫނިއަން ( އީޔޫ)ގެ ގައުމުތަކުގެ ސަރުކާރުތަކަށް އެނގޭ ކަމަށާއި އެކަމުގައި ސަރުކާރުތައް ޝާމިލުވެސް ވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ތުހުމަތުކޮށްފިއެވެ.

އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި ބުނެފައި ލީބިޔާގެ އައްސޭރި ފަށުގައި ހިންގާ އަނިޔާކުރުމާއި ފައިދާ ނެގުމުގެ ނިޒާމަށް އީޔޫއިން އެހީތެރިވަމުން ދަނީ ހިޖުރަކުރުން މުޅިން ހުއްޓުވުމަަށް ކަމަށެވެ. ރިޕޯޓުގައި ބުނެފައި ވަނީ އީޔޫ ގައުމުތަކުން ދަނީ ހަނގުރާމަވެރިންނާއި އިންސާނީ ވަގުފާރި ހިންގާ މީހުންނާ ގުޅިގެން މަސަައްކަތް ކުރަމުން ކަމަށެވެ.

ހަނގުރާމަވެރި ޖަމާއަތްތަކުން އުފައްދާފައިވާ ދެތިން ސަރުކާރު ލީބިޔާގައި އޮންނަ އިރު އޭގެ ތެރެއިން ބައިނަލް އަގުވާމީ ގޮތުންް ބަލައިގަންނަ ސަރުކާރުގެ ކޯސްޓްގާޑަށް ތަމްރީނު ދީ އުޅަނދުތައް ފޯރުކޮށްދެނީ އީޔޫއިންނެވެ. އެފްރިކާއާއި މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުން ސަލާމަތްވާން ޔޫރަޕަށް ހިޖުރަކުރާ މީހުން ދަތުރަށް އަރަނީ ލީބިޔާގެ އައްސޭރިންނެވެ. ލީބިޔާގެ ކޯސްޓްގާޑަށް އީޔޫއިން އެހީތެރިވާން ފެށި ފަހުން ، މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް އިޓަލީ އަށް ދަތުރުކުރާ ރެފިއުޖީންގެ އަދަދު ވަނީ މަދުވެފައެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ބުނެފައިވަނީ ލީބިޔާ މުޖުރިމުންގެ ގޭންގްތަކާއި އިންސާނީ ވަގުފާރި ހިންގާ މީހުންނަށް ލީބިޔާ ކޯސްޓްގާޑުން އެހީތެރިވާ ކަމަށާއި އެގޮތަށް ކަންތައް ކުރަނީ އީޔޫ ސަރުކާރުތަކަށް ވެސް އެނގިގެން ކަމަށެވެ. އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ރެފިއުޖީން ހުއްޓުވުމަަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާއަކީ ދިގު މުއްތަކަށް މީހުން ހައްޔަރުކޮށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުން ކަމަށެވެ.

ހިޖުރަކުރުމަށް ޓަކައި ލީބިޔާއަށް ދިޔަ އެތައްް ބަޔަކު އަޅުންގެ ގޮތުގައި ވިއްކަމުން ދިޔަ ކަން ވެސް ދާދިފަހުން ވަނީ ފަޅާ އަރާފައެވެ.