ދުނިޔެ

ޣައްޒާގެ މަސްވެރިންނަށް ހަރަކާތްތެރިވެވޭ ސަރަހައްދު އިޒްރޭލުން ކުޑަކޮށްފި

ފަލަސްތީނުގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ޣައްޒާގެ މަސްވެރިންނަށް މަސްވެރިކަން ކުރުމަށް އިޒްރޭލުން ހުއްދަދޭ ސަރަހައްދު އަނެއްކާވެސް ކުޑަކޮށްފިއެވެ.

ޣައްޒާގެ މަސްވެރިންނަށް ދަތުރު ކުރެވޭނީ އައްސޭރިން ފެށިގެން ނުވަ މޭލު ބޭރަށް ކަމަށް އިޒްރޭލުން ކުރިން އުޅުނީ ކަނޑައަޅައިގެންނެވެ. އަދި އެ އަށް ވުރެ ބޭރަށް ނުކުންނަ މަސްވެރިންނަށް ހަމަލާދީ މެރުމާއި އުޅަނދުތައް ފައްތައިލުން ފަދަ ޖަރީމާތައް އައީ ހިންގަމުންނެވެ.

ފަލަސްތީނުގެ މަސްވެރިންގެ ޖަމިއްޔާގެ ރައީސް ނިޒާރު އައްޔާޝާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ޣައްޒާގެ މަސްވެރިންނަށް ދެން ނުކުމެވޭނީ އައްސޭރިންް ފެށިގެން ހަމޭލު ބޭރަށް ކަމަށް އިޒްރޭލު ސިފައިން ހޯމަ ދުވަހު އަންގާފައިވާ ކަމަށެވެ. އައްޔާޝް ވިދާޅުވެފައި ވަނީ އިޒްރޭލު ސިފައިންގެ އާ ގަވައިދަށް އަމުލުކުރަން ފަށާނީ މިއަދު ކަމަށް އަންގާފައިވާ ކަމަށެވެ.

އިޒްރޭލާއި މިސްރުން ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރް ވެފައިވާ ޣައްޒާގައި ގާތްގަނޑަކަށް 4000 މަސްވެރިން އުޅެއެވެ. އެމީހުންނަކީ 50000 އަށް ވުރެ ގިނަ މީހުންގެ ބަނޑުފުރާނަ މުއްތިކުރަން މަސަައްކަތްކުރާ ބައެކެވެ.

އެކި ފަހަރު މަތިން އިޒްރޭލުން ބޮން އެޅުމާއި ހިސާރުގެ ސަބަބުން ޣައްޒާގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. އެގޮތުން އެރަށުގައި ކަރަންޓްގެ ހިދުމަތާއި ބޭސްފަރުވާގެ ހިދުމަތް ވަނީ ބޮއްސުންލާފައެވެ. އެރަށުގައި ދެމިލިޔަނެއްހާ މީހުން ދިރިއުޅެއެވެ.