ސިއްހަތު

ހިތުން ދައްކާ ވާހަކައިން ވެސް ސިކުނޑިއަށް ބުރަވޭ: ދިރާސާ

މީހަކާ ހިއްސާނުކޮށް، ވާހަކަ އަސްލުގައި އިއްވަން ބޭނުންވާ މީހާއަށް ވެސް ނާންގައި އަމިއްލަ އަމިއްލަ އަށް ހިތުން ވާހަކަ ދެއްކުމަކީި އަހަރެމެން ގިނައިން ކުރާ ކަމެކެވެ. އާއްމުގޮތެއްގައި އެގޮތަށް ކަން ކުރަނީ ހިތްވަރެއް ނުހުންނަ މީހުންނެވެ. ނޫނީ ދެ މޫނުގެ ވެރިންނެވެ. ނަމަވެސް ނަފުސާނީ ބައްޔެއް ކަމަށްވާ " ސިޒޮފްރޭނިއާ" ތަހައްމަލު ކުރާ މީހުންވެސް މިހެން ކަންތައް ކުރެއެވެ. އެމީހުންނާއި ދުޅަހެޔޮ މީހުންނާ ހުރި ތަފާތަކީ އެމީހުންނަށް އެކަމުގައި މާބޮޑު އިހުތިޔާރެއް ނެތުމެވެ.

ކުރިން ބެލެވިފައި އޮތީ ހިތުން ވާހަކަ ދެއްކިޔަސް، އެވާހަކަތައް ދުލުން ބޭރު ނުކުރާހާ ހިނދަކު، އެކަމުން މައްސަލައެއް ކުރިމަތި ނުވާނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތުވޭލްސް ( ޔޫއެންއެސްޑަބްލިއު) ގެ ސައިންސްވެރިން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން ހަގީގަތުގައި ކަން ވަނީ އެހެންނެއް ނޫނެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ހިތާ ހިތާ ވާހަކަ ދެއްކުމުން ވެސް ސިކުނޑިއަށް ކުރަނީ ހަމަ ދުލުން ވާހަކަ ދެއްކީމާވެސް ކުރާ ފަދަ އަސަރެކެވެ. ސިޒޮފްރޭނިއާ ކަހަލަ ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ، އެހެން މީހުނަށް ނީވޭ، ހިޔާލީ އަޑުތައް އިވޭ ސަބަބު ދެނެގަންނަން އެ މި ހޯދުންތަކުގެ ސަބަބުން އެހީތެރިކަމެއް ލިބޭނެ ކަމަށް ސައިންސްވެރިން ދެކެއެވެ.

" މާ ކުރިއްސުރެ ހީކުރަމުން އައީ މި ހިޔާލީ އަޑުތައް އިވެނީ އެތެރެ އެތެރެއިން ދައްކާ ވާހަކަތައް އާއްމު އުސޫލާ ހިލާފުވުމުން ކަމަށް. ކުރިން ތެދެއްތޯ ނުބެލި އޮތް މި ހީގެ ކަންތައް ޓެސްޓްކުރަން ބޭނުންކުރާނެ އުކުޅުތަކެއް މިދިރާސާއިން ލިބޭ،" ޔޫއެންއެސްޑަބްލިއުގެ އެސޯސިއޭޓް ޕްރޮފެސަރް ތޯމަސް ވައިޓްފޯޑް ސައިސް ޑެއިލީއަށް ވިދާޅުވެފައި ވެއެވެ.

ކުރިން ކޮށްފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަހަރެމެން ވާހަކަ ދައްކަން ތައްޔާރުވުމުން، އެކަަމަށް ޓަކައި ތުންފަތަށާއި އަނގަޔަށާއި ވައި ނޮޅިއަށް ފޮނުވާނެ ސިގްނަލްތަކުގެ ކޮޕީއެއް ސިކުނޑީގައި އުފެދެއެވެ. އެ ކޮޕީއަށް ކިޔަނީ ' އިފަރެންސް ކޮޕީ" އެވެ. އެ ކޮޕީގެ ސަބަބުން ވާ ގޮތަކީ ވާހަކަ ދައްކަން ފެށުމުން ނެރެންވީ އަޑުތައް ކުރިއްސުރެ ތައްޔާރުވެފައި ހުރުމެވެ. އެހެންވީމާ ވާހަކަ ދައްކާ ވަގުތު ސިކުނޑިން ކުރަން ޖެހޭ މަސައްކަތް ކުޑަވެއެވެ. ނަމެސް އެގޮތަށް ކަންތައްް ވާނީ ބުނާނެ ކަމަށް ސިކުނޑިއަށް ދުރާލާ ހީވެފަައިވާ ވާހަކައެއް ދައްކާ ހާލަތުގައެވެ.

މިސާލަކަށް އަހަރެމެންގެ ހަށިގަނޑުގެ ބައެއް ތަންތަނަކީ އެހެން މީހަކު އެއިން ތަނެއްގައި އަތް ލައިފި ނަމަ ހީލިކަރުވާ ތަންތަނެވެ. ނަމަވެސް އަމިއްލައަށް އެއިން ތަނެއްގައި އަތް ލިޔަސް ހީއްޔެއް ނުކަރުވައެވެ. ސަބަބަކީ އަމިއްލައަށް އެއިން ތަނެއްގައި އަތް ލުމަކީ ސިކުނޑިން ދުރާލާ ލަފާކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެހެންވީމާ އެކަމަކަށް މާބޮޑު އިޖާބައެއް ނޫފައްދައެވެ. ނަމަވެސް އެހެން މީހަކު އެއިން ތަނެއްގައި އަތްލުމަކީ ސިކުނޑިން އެއްގޮތަކަށް ވެސް ލަފާކޮށްފައިވާ ކަމެއް ނޫނެވެ. ކުއްލި ޝޮކެއް ލިބެނީ އެހެންވެއެވެ.

ޔޫއެންއެސްޑަބްލިއުގެ ސައިންސްވެރިން ދިރާސާކޮށް ބެލީ، ހިތާ ހިތާ ވާހަކަ ދައްކާ އިރުގައި ވެސް ސިކުނޑިން އިފަރެންސް ކޮޕީއެއް އުފައްދާތޯ ނުވަތަ ނޫންތޯއެވެ. އެގޮތުން ކުރި ކަމަކީ ހިތާހިތުން ވާހަކަ ދައްކާ އިރު ކުރާ އަސަރު ދެނެގަންނާނެ ގޮތްތަކެއް ހޯދުމެވެ. އަދި ދުޅަހެޔޮ 42 މީހަކު ބޭނުންކޮށްގެން ބެލީ އެފަދަ ވާހަކަތަކުން ސިކުނޑީގެ ހަރަކާތްތައް ގެނުވަނީ ކިހާ ވަރެއްގެ ބަދަލުތަކެއްތޯއެވެ. އިލެކްޓްރޯ އެންސެފަލޮގްރަފީ ( އީއީޖީ) ބޭނުންކޮށްގެން ބެލި އެ ބެލުންތަކުން އެނގުނީ އަޑުވީއްލައި ވާހަކަ ދައްކާ އިރު ސިކުނޑީގެ އެހެން ހަރަކާތްތައް މަޑު ޖެހޭ ވަރަށް ހިތާ ހިތާ ވާހަކަ ދެއްކުމުން ވެސް މަޑުޖެހޭ ކަަމެވެ. ( ސައިންސް ޑެއިލީ. ޑިސެމްބަރު އަށެއް)