ދުނިޔެ

ވެރިކަން ގެއްލުނު ފަހުން ފުރަތަމަ ފަހަރަށް މުގާބޭ ގައުމުން ބޭރަށް

ޒިމްބާބްވޭގައި 37 އަހަރު ވެރިކަން ކުރެއްވުމަަށް ފަހު މިދާކަށް ދުވަހު މަގާމު ދޫކޮށްލެއްވި ރޮބަޓް މުގާބޭގެ ވެރިކަން ވެއްޓުނު ފަހުން އޭނާ ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ވަޑައިގެންފިއެވެ.

ޒިމްބާބްވޭ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނީ ބޭސް ފަރުވާއަކަށް މުގާބޭ ވަޑައިގެންނެވީ ސިންގަޕޫރަށް ކަމަށެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން ޒިމްބާބްވޭ މިނިވަންވީ ފަހުން ފާއިތުވި 37 އަހަރު އެގައުމުގެ ވެރިކަމުގައި ހުންނެވި މުގާބޭއަށް ވެރިކަން ގެއްލިވަޑައިގެންނެވީ އޭނާއާ ދެކޮޅަށް ސިފައިން ނުކުތުމުންނެވެ. އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ މުގާބޭއާ ދެކޮޅަށް ސިފައިން ނުކުތީ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ވަޑައިގެންނެވުމަށް މަގު ކޮށްޓެވުމުގެ ގޮތުން އެޅުއްވި ފިޔަވަޅަކާ ގުޅިގެންނެވެ. އެގޮތުން އެޅުއްވި ފިޔަވަޅީ އޭރު ތިއްބެވި ދެ ނައިބުރައީސުންގެ ތެރެއިން އެއް ބޭފަކު މަގާމުންް ދުރުކުރެއްވުމެވެ.

މުގާބޭއަކީ ވެރިކަމުގައި ހުންނެވި އިރު ސިއްހީ ފަރުވާ ހޯއްދެވުމަށް އެހެން ގައުމުތަކަށް ދަތުރުކުރެއްވުމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރެއްވި ބޭފުޅެކެވެ. އޭރުވެސް އެންމެ ގިނައިން ވަޑައިގެންނެވި އެއް ގައުމަކީ ސިންގަޕޫރެވެ.

މުގާބޭ އެޅުއްވި އެ ފިޔަވަޅާއި އެކު ސިފައިން ނުކުމެ، ގައުމުގެ ކޮންޓްރޯލް އަތުލައި، މުގާބޭ ގޭބަންދުކުރިއެވެ. އަދި ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީން މުގާބޭ އިމްޕީޗް ކުރުމުގެ މަސައްކަތް އިއްޔެގައި ފެށިއެވެ. އނގިރޭސީންގެ އަތްދަށުން 1980 ވަނަ އަހަރު ޒިމްބާބްވޭ މިނިވަންވީއްސުރެ ވެރިކަމުގައި ހުންނެވި މުގާބޭ އިސްތިއުފާ ދެއްވީ އެހިސާބުންނެވެ.

މުގާބޭ އިސްތިއުފާ ދެއްވުމުން ޒިމްބާބްވޭގެ ރައީސްކަމަށް ވަޑައިގެންނެވީ އޭރު މަގާމުން ދުރުކޮށްފައި ހުންނެވި ނައިބު ރައީސް އެމާސަން ނަންގަގްވާއެވެ.