ހަބަރު

ކޮމަންވެލްތުން އުފަންވި ކޮލަމްބޯ ޕްލޭންގެ ރިޔާސަަތަށް އަނެއްކާވެސް ރާއްޖެ

އިޖުތިމާއީ އިގުތިސާދީ ކަންކަމުގައި އޭޝިއާ ޕެސިފިކް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ކޮމަންވެލްތުގެ ތެރެއިން އުފަން ކުރި 'ކޮލަމްބޯ ޕްލޭން ކައުންސިލް' ގެ ރިޔާސަތަށް އަނެއްކާވެސް ރާއްޖެ ހޮވައިފި އެވެ.

އަވަށްޓެރި ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން މިއަދު ބުނީ ކޮލަމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތަށް ރާއްޖެ ހޮވީ އިއްޔެގައި ބޭއްވި އެ ކައުންސލްގެ 293 ވަނަ ސެޝަނުގައި ކަމަށެވެ. އަދި ބުނީ ރާއްޖޭގެ ފަރާތުން އެ ކައުންސިލްގެ ރިޔާސަތު ބަލަހައްްޓަވާނީ ލަންކާގައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ކަމަށެވެ. ކައުންސިލްގެ އިދާރީ އަދި މާލީ ކަންތައްތައް ބަލަހައްޓާ ކޮމިޓީގެ ރިޔާސަތުވެސް ބަލަހައްޓަވާނީ މުންދު ކަމަށް އިއްޔެގެ ސެޝަނުގައި ވަނީ ނިންމާފައެވެ.

ކޮލަމްބޯ ޕްލޭން ކައުންސިލް އުފެއްދީ 1950 ވަނަ އަހަރު ގެ ޖެނުއަރީ މަހު ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ކޮންފަރެންސްގަ އެވެ. އެ ކައުންސިލްގެ މަސައްކަތް އަމަލީ ގޮތުން ފެށީ ޖެހިގެން އައި އަހަރު(1951 ވަނަ އަހަރު)ގެ ޖުލައިމަހުގެ ފުރަތަމަ ދުވަހުއެވެ. އެހެން ނަމަވެސް ރާއްޖެ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކޮމަންވެލްތުން ވަކިވެފަ އެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވީ ދާހިލީ ކަންކަމާ އެ ޖަމްއިއްޔާއިން ބެހޭ ކަމަށް ބުނެ އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން އެވެ.

ކޮލަމްބޯ ޕްލޭން ކައުންސިލް އުފެއްދި ބައްދަލުވުމުގައި ބައިވެރިވެވަޑައިިގެންނެވީ އޮސްޓްރޭލިއާގެ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޕާސީ ސްޕެންޑާ، އިނގިރޭސިވިލާތުގެ އޭރުގެ ފޮރިން ސެކްރެޓަރީ އާނެސްޓް ބެވިން، ކެނެޑާގެ އެސްޓާނަލް އެފެއާޒް މިނިސްޓަރު ލެސްޓާ ޕިއާސަން، އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަވާހަރް ލާލް ނެހްރޫ، ނިއުޒީލޭންޑްގެ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ފެޑްރިކް ޑޮއިޖް، ޕާކިސްތާނުގެ އޭރުގެ ފިނޭންސް މިނިސްޓަރު ޣުލާމް މުހައްމަދު ، ސިލޯނުގެ އޭރުގެ ބޮޑުވަޒީރު ޑީއެސް ސެނަޔަކަ އަދި ސިލޯނުގެ އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ސްރީލަންކާގެ ރައީސް ޖޭއާރު ޖަޔަވަރްދަނާއެވެ.