ދުނިޔެ

އަހަރެންނާ އެކު އުޅުނު ހިޔާނާތްތެރިން މިހާރު ތިބީ ސަރުކާރުގައި: ރާޖަޕަކްސާ

އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި އޭނާގެ ސަރުކާރުގައި ހިޔާނާތެރިވި ބަޔަކު ތިބި ނަމަ އެބަޔަކު މިހާރު ތިބީ މިހާރުގެ ސަރުކާރުގައި ކަަމަށް ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާޖަޕަކްސާ އިއްޔެގައި ވިދާޅުވީ އޭނާގެ ސަރުކާރުގައި ހިޔާނާތްތެރިން ތިބި ކަަމަށް ބައެއް ފަރާތްތަކުން ދައުވާ ކުރި ކަމަށާއި އެއީ ތެދެއް ނަމަ އެބަޔަކު މިހާރު ތިބީ މި ސަރުކާރުގައި ކަމަށެވެ. ނަމަވެސް އޭނާ އެ އިޝާރާތް ކުރެއްވީ ވަކި މިވެނި ބޭފުޅަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

ރާޖަޕަކްސާ ސަރުކާރުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރެއިން މިހާރުގެެ ސަރުކާރުގައި ހުންނެވި އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ރައީސް މައިތިރިޕާލާ ސިރިސޭނާއެވެ. ރައީސް ސިރިސޭނާއަކީ ރާޖަޕަކްސާއަށް ވެރިކަން ގެއްލިވަޑައިގެންނެވި އިންތިހާބާ ހަމައަށް ވެސް އޭނާގެ ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުގައެވެ.

ލަންކާގެ ވެރިކަން ކުރާ ކޯލިޝަނުގަައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީ( އެސްއެލްއެފްޕީ)އާއި އެކު މަސަައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި އެހެން ނަމަވެސް އެކަން ވާނީ ކޯލިޝަނުގައި ހިމެނޭ އަނެއް ޕާޓީ ކަމަށްވާ ޔުނައިޓެޑް ނެޝަަނަލް ޕާޓީއާ އޮތް ގުޅުން ކަނޑާލައިގެން ކަމަށެވެ. ޔޫއެންޕީއަކީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްކޮށް އުޅުއްވާ ޕާޓީއެވެ.

ލަންކާގެ ވެރިކަން ދިގު މުއްދަތަކަށް ކުރެއްވި ރާޖަޕަކްސާ 2015 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބަލިކުރީ ޔޫއެންޕީއާއި އެސްއެލްއެފްޕީ ގުޅިގެން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ސިރިސޭނާ ނެރެގެންނެވެ.