ދުނިޔެ

ގޫގުލްއިން ޗައިނާގައި އާޓިފިޝަލް އިންޓެލިޖެންސް ރިސާޗް ސެންޓަރެއް ހުޅުވަނީ

އާޓިފިޝަލް އިންޓެލިޖެންސްއާ ބެހޭ ދިރާސާތައް ކުރުމަށް ރިސާޗްސެންޓަރެއް ޗައިނާގައި ހުޅުވަން ގޫގުލްއިން ނިންމައިފިއެވެ.

ގޫގުލްއިން ބުނީ އެ ކުންފުނިން ޗައިނާގައި ހުޅުވާ ސެންޓަރު ވެގެންދާނީ އޭޝިއާ ސަރަހައްދުގައި ހުޅުވާ އެ ދާއިރާގެ ފުރަތަމަ މަރުކަޒަށް ވާނެ ކަމަށެވެ. އަދި ބުނީ އެތަނުގައި މަސައްކަތް ކުރާނީ ސަރަހައްދުގެ މީހުން ކަމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްލޮނޮޖީ ބޭނުންކޮށްގެން ގިނަ އުފެއްދުންތަކެއް އުފައްދަން ސިލިކޮން ވެލީ އިން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ހަމަ އެހެންމެ ޗައިނާއިން ވެސް އަންނަނީ އެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރަމުންނެވެ. ޗައިނާގެ އަމާޒަކީ އެ ދާއިރާއިން އެމެރިކާއާ ފައިހަމަ ކުރުމެވެ.

އޭއައި ދާއިރާއިން އިތުރަށް ދިރާސާކޮށްފިނަމަ އެދާއިރާއިން ގިނަ ޓެކްނޮލޮޖީތަކަކަށް ބޮޑެތި ކުރި އެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެގޮތުން ކުރިއަރައިދާނެ އުފެއްދުންތަކުގެ ތެރޭގައި ޑްރައިވަރަކާ ނުލައި ދުއްވާ ކާރުތަކާއި މުވައްޒަފުންނާ ނުލައި މަަސައްކަތްތައް ކުރެވޭ ފެކްޓްރީތަކާއި ތަރުޖަމާ ކުރުމަށް ބޭނުންކުރާ އުފެއްދުންތަކާއި މޫނަށް ބަލައިގެން މީހުން ދެނެގަތުމަށް ބޭނުންކުރާ އުފެއްދުންތައް ހިމެނެއެެވެ.

ގޫގުލްއިން ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ ޗައިނާގައި އަޅަން އުޅޭ ރިސާޗް ސެންޓަރަކީ އޭއައި ޓެކްނޮލޮޖީއަށް އިސްކަންދޭ ކުންފުންޏަކަށް ގޫގުލް ބަދަލުވުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ގޫގުލްއިން މިހާރު އަންނަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި އެމެރިކާގެ ނިއުޔޯކްސިޓީގައި ވެސް އޭއައި ރިސާޗްސެންޓަރެއް ހިންގަމުންނެވެ.

ގޫގުލްއިން ޗައިނާގައި މިހާރުވެސް ދެ އޮފީހެއް ހިންގައެވެ. އެ ދެ އޮފީހުގައި ގާތްގަނޑަކަށް 600 މުވައްޒަފުން މަސައްކަތް ކުރެއެވެ.