ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ދަތިތައް ހައްލުކުރަން މިނިސްޓްރީން ފިޔަވަޅުތަކެއް

އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި)އިން ހިންގަމުންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މެޑިކަލް އޮފިސަރުންގެ ދަތިކަން ކުރިމަތިވެފައިވާތީ، އެކަން ހައްލުކޮށްދިނުމަށް ހެލްތް މިނިސްޓްރީން އެ ހޮސްޕިޓަލަށް އިތުރު މެޑިކަލް އޮފިސަރުން ފޮނުވުމަށް ނިންމައިފި އެވެ.

ފައިސާގެ ދަތިކަން ކުރިމަތިވެ، ހޮސްޕިޓާ ހިންގަން ދަތިވެފައިވާ ކަމަށް އެންއައިއައިއިން މީޑިއާގައި ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް، މުހައްމަދު މާހިރު އަވަސްއަށް ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލްގައި މެޑިކަލް އޮފިސަރުން މަދުވެ ދަތިވެފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް މިނިސްޓްރީން މެޑިކަލް އޮފިސަރުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެއިތުރުން މިވަގުތު ހޮސްޕިޓަލްގައި ގަޔޮނަކޯލިޖިސްޓެއް ނެތުމުން އެކަން ހައްލުކުރަން ވެސް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ހޮސްޕިޓަލްގައި 24 ގަޑިއިރު ޑޮކްޓަރުން މިހާރު ނުތިބޭ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ. ބައެއް ގަޑިތަކުގައި އޯޕީޑީ އާއި އެމެޖެންސީ ވޯޑްގައި ވެސް މެޑިކަލް އޮފިސަރެއް ނުހުންނަ ކަމުގެ ޝަކުވާ ވެސް ބޮޑެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު އެ ހޮސްޕިޓަލްގައި ހުރީ އެންމެ މެޑިކަލް އޮފިސަރެކެވެ. ބައެއް ވަގުތުތަކުގައި މެޑިކަލް އޮފިސަރެއް ހޮސްޕިޓަލެއްގައި ނެތި ދަނީ ހުރިހާ ވަގުތެއްގައި އޭނާއަށް ޑިއުޓީ ނަގަންޖެހުމުން ބްރޭކަށްދާ ވަގުތުތަކުގަ އެވެ. އޭގެ އިތުރުން ސްކޭން ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރެއް މި ވަގުތު ނެތެވެ.

މާހިރު ވިދާޅުވީ، ކުޑަކުދިންގެ ޑޮކްޓަރު ހުރީ، ޗުއްޓީގަ ކަމަށާއި މިއަދުން ފެށިގެން ޑިއުޓީއަށް ނުކުންނަން ފަށާފައިވާ ކަމަށެވެ. ސްކޭން ޑޮކްޓަރެއް މިވަގުތު އެ ހޮސްޕިޓަލްގައި ނެތްއިރު އެއީ ގިނަ ހޮސްޕިޓަލްތަކުގައި އަބަދު ތިބޭ ޑޮކްޓަރުންނެއް ނޫނެވެ. ގަޔޮނަކޯލިޖިސްޓެއް ހަމަޖެހުމުން ވިހެމުގެ ކަންކަމަށް ދިމާވި ދަތިކަން ހައްލުވެގެން ދާނެ އެވެ.

އިންޑިއާގެ ކުންފުނިން އެއްބަސްވުމުގައި ޝެޑިއުލާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދާކަން ފާހަގަވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މާހިރު ވިދާޅުވި އެވެ. އަދި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާނަމަ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ކަންކަން ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ގޮސްފައިނުވީ ނަމަވެސް ބައެއް ބަދަލުތައް ހޮސްޕިޓަލަށް ގެނެސްފައިވާކަން މާހިރު ފާހަގަކުރެއްވި އެވެ. އަދި، ބައެއް އާ ހިދުމަތްތައް ފެށުމަށް މިހާރު ވެސް ތައްޔާރީތައްވެފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސީޓީގެ ހިދުމަތް ފެށުމަށް މެޝިން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި މެޝިން ބަހައްޓާ ތަން ވެސް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރު ހިންގަމުންދަނީ، އިންޑިއާގެ ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑާއެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލުންނެވެ. އެ ކުންފުނީގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވީ، ހޮސްޕިޓަލަށް ފައިސާގެ ދަތިކަމާ ކުރިމަތިވެފައިވާ ކަމަށާއި އާސަންދައިން ލިބެންޖެހޭ ފައިސާ ހޮސްޕިޓަލަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އޭގެ މައްސަލަ އޮތީ އާސަންދަގެ ނޫން ކަމަށާއި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ އިންވޮއިސްތައް އެ ހޮސްޕިޓަލަށް އާސަންދައަށް ފޮނުވުނީ އޮކްޓޯބަރު މަހުގެ ތެރޭގަ ކަމަށެވެ.

އުސައިދު ވިދާޅުވީ، ހޮސްޕިޓަލް ހިންގުމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށާއި ހޮސްޕިޓަލަށް ފައިސާ ދަތިކަން ދިމާވީ ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑުގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށްނުދީނުވާތީ ކަމަށެވެ. އުސެއިދު ވިދާޅުވީ، ފައިސާ ނުލިބޭތީ ހޮސްޕިޓަލްގެ ހިދުމަތްތައް ދިނުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އެ ހޮސްޕިޓަލްގެ ވޯކިން ކެޕިޓަލެއް ނެތް ކަމަށާއި ހުރިހާ ހިދުމަތެއް ދެމުން އަންނަނީ އާސަންދަ މެދުވެރިކޮށް ކްރެޑިޓަށް ކަމަށެވެ. ބިލަށް ފައިސާ ނުދެއްކުމުން އެއްޗެހި ސަޕްލައިކުރުމަށް ވެސް ދަތިތައް ފޯރަމުންދާ ކަމަށެވެ.

ހޮސްޕިޓަލްގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް އަބްދުﷲ ޔާމީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.