ހަބަރު

ގއ އަތޮޅު ކައުސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފި

Dec 13, 2017
15
  • ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް 3 މަހަށް
  • ކައުންސިލަރުން ކައުންސިލަށް ވަނުން ވެސް މަނާ
  • އެ ކައުންސިލުން ބައްދަލުކުރީ އިންޑިއާ ސަފީރާ

ހުއްދަ ނުހޯދާ ބޭރުގެ ސަފީރަކާ ބައްދަލުކުރި މައްސަލައިގައި ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑް ކުރަން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭ އިން ނިންމައިފި އެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު ސޮއި ކުރައްވާ ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ފޮނުއްސި ސިޓީއެއްގައި ބުނެފައި ވަނީ ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އެހެން ވެސް ބޭރުގެ ޖަމާއަތްތަކާ ބައްދަލު ކުރަން ވާނީ އެލްޖީއޭގެ ހުއްދަ ނަގައިގެން ކަމަށް އެ އޮތޯރިޓީ އިން ނިންމައި އެކަން އަންގާފައި ވަނިކޮށް ގއ އަތޮޅު ކައުންސިލުން ބޭރު ގައުމެއްގެ ސަފީރަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ މެންބަރުން މުސާރައެއް ނުލިބޭ ގޮތަށް މިއަދުން ފެށިގެން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރާ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.

އެ މުއްދަތުގައި ކައުންސިލްގެ އެއްވެސް މެންބަރަކު ފަރުދީ ހައިސިއްޔަތުން ހިދުމަތެއް ހޯދަން ނޫން ގޮތަކަށް ކައުންސިލްގެ އިދާރާއަށް ވަނުމާއި އެތަނުގެ ލިޔެކިޔުންތައް ބޭނުން ކުރުމާއި އެއްވެސް ތަނެއްގައި ކައުންސިލް ތަމްސީލް ކުރުން އެ މެންބަރުންނަށް މަނާކަމަށް ވެސް އެލްޖީއޭއިން ވަނީ އަންގައިފަ އެވެ. އަދި ކައުންސިލްގެ ހުރިހާ ޒިންމާތަކެއް ޒިންމާދާރު ވެރިޔާ ނޫނީ އެ މަގާމު ވަގުތީ ގޮތުން އަދާކުރާ ފަރާތާ ހަވާލުކުރުމަށް ވެސް އެލްޖީއޭއިން ވަނީ ސިޓީގައި އަންގައިފަ އެވެ.

ގއ އަތޮޅު ކައުންސިލްގެ ޓްވީޓް.

ގއ އަތޮޅު ކައުންސިލްގެ މެންބަރުން ބައްދަލުކޮށްފައި ވަނީ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ އެވެ. އެ ކައުންސިލްގެ ރައީސް އަހުމަދު ފުއާދު އިންޑިއާ ސަފީރާ އެކު ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވާ ވިދާޅުވެފައި ވަނީ، އެ އަތޮޅަށް ޒިޔާރަތް ކުރ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ބައެއްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށެވެ. އަދި ސަފީރު މިޝްރާ އެ އަތޮޅަށް ޒިޔާރަތް ކުރެއްވުމަކީ ލިބުނިު ފަހުރެއްކަމަށް ވެސް ފުއާދު ވަނީ ޓްވިޓާގައި ވިދާޅުވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އެލްޖީއޭއިން އަންގާފައި ވަނީ ކައުންސިލްތަކުން ޑިޕްލޮމެޓުންނާ ބައްދަލު ކުރެވޭނީ އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުންް އެމެރިކާ ސަފީރާއި އިނގިރޭސި ސަފީރު ވަނީ އެލްޖީއޭގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެބޭފުޅުން ވިދާޅުވަނީ އެއީ ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމާ ދެކޮޅަށް ދިވެހި ސަރުކާރުން އަނެއްކާ ވެސް އެޅިފިޔަވަޅެއް ކަމަށެވެ.