ހަބަރު

އެލްޖީއޭގެ އެންގުން ލިބުނީ ސަފީރާ ބައްދަލުކުރި ފަހުން: ގއ. ކައުންސިލް

ހޯމް މިނިސްޓްރީން ހުއްދަ ހޯދައިގެން ނޫން ގޮަތަކަށް ބޭރުގެ ސަފީރުންނާ ބައްދަލު ނުކުރަން އަންގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ފޮނުވި ސާކިއުލާ ލިބުނީ އިންޑިއާ ސަފީރާ ބައްދަލުކޮށް ނިމުނު ފަހުން ކަމަށް ގއ.އަތޮޅު ކައުންސިލްގެ މެމްބަރުން ބުނެފި އެވެ.

ކައުންސިލަރު ހުސައިން އާދަމް އަވަސްއަށް މިރޭ ވިދާޅުވީ އިންޑިއާ ސަފީރުގެ ދަތުރު ފުޅަކީ މިދިޔަ ނޮވެމްބަރުމަހުގެ ފަހުކޮޅު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅު ލަސްކުރައްވަން ޖެހިވަޑައިގެންނެވީ މޫސުން ގޯސްވުމުގެ ސަބަބުން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުރިން އެންމެ ފަހަރަކުވެސް އަންގާފައެއް ނެތް. އެކަން އެގޮތަށް ނުކުރާކަށް ބޭރުގެ ސަފީރުން އަތޮޅުތަކަށް ދަތުރުކުރައްވައި ކައުންސިލް ތަކާ ބައްދަލު ކުރެއްވުމަކީ އާއްމު ކަމެއް. އެލްޖީއޭގެ ސާކިއުލާ އަޅުގަނޑުމެނަށް ލިބުނީ ބައްދަލުވުން ނިމުން ފަހުން،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާކިއުލާ ލިބުމަށް ފަހުގައި ވެސް އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ފުރާ ވަޑައިގަންނަވަންދެން ވެސް ކައުންސިލުން އޭނާއަށް މެހުމާންދާރީ އަދާ ކުރި ކަމަށެވެ. އަދި ވިދާޅުވީ ސަފީރު ވަޑައިގެންނެވީ ސިޔާސީ ކަމަކާ ވާހަކަފުޅު ދައްކަވަން ނޫން ކަމަށާއި އެއީ އިދާރީ ހިންގުން ވަރުގަދަ ކުރުމަށް ވެވެން އޮތީ ކޮން އެހީއެއްތޯ ބައްލަވަން ކުރެއްވި ޒިޔާރަތެއް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ ރާއްޖޭގެ ފޮރިން ޕޮލިސީއަށް ބަދަލެއް އައި ކަމެއް،" އޭނާ ވިދާޅުވިއެވެ.

އެލްޖީއޭ އިން ކައުންސިލްތަކާ ގުޅުމެއް ނުބޭއްވުމާއި މައުލޫމާތު ރަނގަޅަށް ހިއްސާ ނުުކުރާ ކަމުގެ ޝަކުވާ ވެސް އޭނާ ކުރެއްވިއެވެ.

އިންޑިއާ ސަފީރާ ބައްދަލުކުރެއްވި މައްސަލައިގައި އެލްޖީއޭއިން މިއަދު ވަނީ ގއ. އަތޮޅު ކައުުންސިލްގެ ހުރިހާ މެމްބަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު ސޮއި ކުރައްވާ ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ފޮނުއްސި ސިޓީއެއްގައި ބުނެފައި ވަނީ ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އެހެން ވެސް ބޭރުގެ ޖަމާއަތްތަކާ ބައްދަލު ކުރަން ވާނީ އެލްޖީއޭގެ ހުއްދަ ނަގައިގެން ކަމަށް އެ އޮތޯރިޓީ އިން ނިންމައި އެކަން އަންގާފައި ވަނިކޮށް ގއ އަތޮޅު ކައުންސިލުން ބޭރު ގައުމެއްގެ ސަފީރަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ މެންބަރުން މުސާރައެއް ނުލިބޭ ގޮތަށް މިއަދުން ފެށިގެން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރާ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.

އެ މުއްދަތުގައި ކައުންސިލްގެ އެއްވެސް މެންބަރަކު ފަރުދީ ހައިސިއްޔަތުން ހިދުމަތެއް ހޯދަން ނޫން ގޮތަކަށް ކައުންސިލްގެ އިދާރާއަށް ވަނުމާއި އެތަނުގެ ލިޔެކިޔުންތައް ބޭނުން ކުރުމާއި އެއްވެސް ތަނެއްގައި ކައުންސިލް ތަމްސީލް ކުރުން އެ މެންބަރުންނަށް މަނާކަމަށް ވެސް އެލްޖީއޭއިން ވަނީ އަންގައިފަ އެވެ. އަދި ކައުންސިލްގެ ހުރިހާ ޒިންމާތަކެއް ޒިންމާދާރު ވެރިޔާ ނޫނީ އެ މަގާމު ވަގުތީ ގޮތުން އަދާކުރާ ފަރާތާ ހަވާލުކުރުމަށް ވެސް އެލްޖީއޭއިން ވަނީ ސިޓީގައި އަންގައިފަ އެވެ.

ގއ އަތޮޅު ކައުންސިލްގެ މެންބަރުން ބައްދަލުކޮށްފައި ވަނީ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ އެވެ. އެ ކައުންސިލްގެ ރައީސް އަހުމަދު ފުއާދު އިންޑިއާ ސަފީރާ އެކު ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވާ ވިދާޅުވެފައި ވަނީ، އެ އަތޮޅަށް ޒިޔާރަތް ކުރ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ބައެއްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށެވެ. އަދި ސަފީރު މިޝްރާ އެ އަތޮޅަށް ޒިޔާރަތް ކުރެއްވުމަކީ ލިބުނިު ފަހުރެއްކަމަށް ވެސް ފުއާދު ވަނީ ޓްވިޓާގައި ވިދާޅުވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އެލްޖީއޭއިން އަންގާފައި ވަނީ ކައުންސިލްތަކުން ޑިޕްލޮމެޓުންނާ ބައްދަލު ކުރެވޭނީ އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުންް އެމެރިކާ ސަފީރާއި އިނގިރޭސި ސަފީރު ވަނީ އެލްޖީއޭގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެބޭފުޅުން ވިދާޅުވަނީ އެއީ ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމާ ދެކޮޅަށް ދިވެހި ސަރުކާރުން އަނެއްކާ ވެސް އެޅިފިޔަވަޅެއް ކަމަށެވެ.