ދުނިޔެ

ސައުދީ ވަލީ އަހުދު އިޒްރޭލަށް ވަޑައިގަންނަވަން ދައުވަަތު ދީފި

ސައުދީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާން އަލް ސައުދު އިޒްރޭލަށް ވަޑައިގަންްނަވަން އެގައުމުން ފާޅުގައި ދައުވަތު ދީފިއެވެ.

ސައުދީ ކުންފުންޏަކުން އިނގިރޭސިވިލާތުގައި ނޫހެއް ކަމަށްވާ އީލާފް އަށް ދެއްވި އިންޓަވިއުއެއްގައި އިޒްރޭލުގެ ޖާސޫސީ ކަންކަމާ ބެހޭ މިނިސްޓަރު ޔިޒްރާއިލް ކާޓުޒް ވިދާޅުވެފައި ސައުދީ ސަރުކާރަށް ގޮވައިލެއްވީ އަމީރު މުހައްމަދު އިޒްރޭލަށް ވަޑައިގެންނެވުމަށާއިި ސައުދީއަށް ވަޑައި ގެންނެވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދައުވަތު ދިނުމަށެވެ.

ފަލަސްތީނު އިޒްރޭލު ސުލްހައިގެ މަޝްރޫއުވެސް ކުރިއަށް ގެންދެވޭނީ ސައުދީން އިސް ނަގައިގެން ކަމަށް ވެސް އިންޓަވިއުގައި ކާޓްޒް ވިދާޅުވި ކަަމަށް އީލާފްއާ ހަވާލާދީ ނޫސްތަކުން ބުންޏެވެ. ކާޓްޒް ވަނީ ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުވެސް ކުރައްވާފައެވެ. އެގޮތުންް އެގައުމަށް އަންނަމުން ދަނީ ހެޔޮ ބަދަލުތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

އިޒްރޭލުން ސައުދީ އަރަބިއްޔާއަށް ފާޅުގައި މިފަދަ ދައުވަތެއް ދީފައި މިވަނީ އެ ދެގައުމުން އަޑި އަޑިން ގުޅުން ބަދަހިކުރާ ކަމަށް އަަރަބި މީޑިއާ ތަކުން ތުހުމަތުކުރާތާ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ. އެ ތުހުމަތު ތަކަށް ބާރު ލިބޭ ފަދަ ވާހަކަތައް އިޒްރޭލުގެ އެކި އެކި އޮފިޝަލުން ފަހަކަށް އައިސް ވަނީ ދައްކާފައެވެ.


އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ކުރީގެ ސެކިއުރިޓީ އެޑްވައިޒަރު ޔަކޯވް ނަގެލް ކުރިން ވިދާޅުވެފައި ވަނީ ސުލްހައިގެ އެއްބަސްވުމެއްގެ ގޮތުގައި ކޮންމެ ފަދަ އެެއްބަސްވުމެއްގައި ފަލަސްތީނު މީހުންނާ އެކު ސޮއިކުރި ނަމަވެސް އިޒްރޭލާ ގުޅުން ގާއިމް ކުރަން ސައުދީން ތައްޔާެރަށް އޮތް ކަމަށެވެ. އެގޮތުން ސޮއިކުރާ އެއްބަސްވުމަކީ ފަލަސްތީނު މީހުންނަށް ކިތަންމެ ގެއްލުން ބޮޑު އެއްބަސްވުމަކަށް ވިޔަސް ސައުދީން އަޅައި ނުލާނެ ކަމަށް ވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ދަ ޓެލެގްރާފް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަގޭލް ވިދާޅުވެފައި ވެެއެވެ.

" އެމީހުން ހަމަ ބުނަން ޖެހެނީ އިޒްރޭލާ ފަލަސްތީނު މީހުންނާ ދެމެދު އެއްބަސްވުމެއް އެބަ އޮތޭ. އެއްބަސްވުމުގައި އޮތީ ކޮންކަމެއްތޯ ބަލައި އެކަމަކަށް އެމީހުން ފަަރުވާލެއް ނުބަހައްޓާނެ. ދެން އޮތް ފިޔަވަޅަށް ދިއުމަށް އެމީހުން ބުނަން ބޭނުންވަނީ އެއްބަސްވުމެއް އެބަ އޮތޭ،" ނަގޭލް ވިދާޅުވި ކަމަށް ޓެލެގްރާފްގެ ރިޕޯޓްގައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް އެގައުމުގެ ވަލީ އަހުދުކަން ލިބިވަޑައިގެންނެވުމާ އެކު ، ސައުދީއާ އިޒްރޭލާ ދެމެދު ގުޅުން ގާއިމްކުރަން އުޅޭ ކަމުގެ ވާހަތައް އަރަބި މީޑިއާތަކުން ދައްކަން ފެށިއެވެ. އެވާހަކަތައް އެންމެ ބޮޑަށް ދެކެވުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އިޒްރޭލަށް ސިއްރު ދަތުރުފުޅެއް ކުރެއްވުމަށް ފަހު ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސައުދީއަށް އެފަދަ ދަތުރުފުޅެއް ކުރެއްވުމުންނެވެ.

ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރުކަމާއި ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމުވެސް އޮންނަ މުހައްމަދު ވަނީ އެގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އަދި އޭނާގެ ވާދަވެރިންނާ ދެކޮޅަށް މިހާރު ގެންދަވަނީ ވަރުގަދަ ކެމްޕޭނެއް ހިންގަވަމުންނެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ޝާހީ ހާންދާނުގެ އެތައް ބޭފުޅުންނެއް ވަނީ ހައްޔަރުވެސް ކޮށްފައެވެ.