ހަބަރު

ރާއްޖެ-އިންޑިއާ ސިފައިން އަސްކަރީ ތަމްރީންތަކެއް ބާއްވަނީ

ޓެރަރިސްޓް ހަމަލާއެއް ނުވަތަ ހަމަލާތަކެއް އަމާޒުވެއްޖެ ނަމަ ގުޅިގެން މަސައްކަތް ކުރާނެ ގޮތްތައް ފަރިތަކުރުމަށް ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ބާއްވާ ތަމްރީނުތަކެއް މާދަމާ ފަށާނެއެވެ.

އިންޑިއާގެ ކަރުނަޓާކާ ސްޓޭޓުގެ ބެލްގަމް ނަމަކަށް ކިޔާ ސަރަހައްދުގައި މާދަމާ ތަމްރީނުތައް ފަށާނެ ކަން އިއުލާނު ކުރީ އިންޑިއާ ސިފައިން އެގައުމުގެ މީޑިއާތަކަށް ފޮނުވި ބަޔާނެއްގައެވެ.

ތަމްރީނުތަކުގެ އަމާޒަކީ ޓެރަރިސްޓް ހަމަލާތަކަށް ތައްޔާރުވުން ކަމަށް ވިޔަސް މިއީ މުޅިން އާ ސިލްސިލާއެއް ނޫނެވެ. އެކަމަކު މިއީ ރާއްޖެއާ އިންޑިއާ ގުޅިގެން ކުރިއްސުރެ ބާއްވަމުން އަންނަ ' ދޯސްތީ" ސިލްސިލާގެ ބޮޅެކެވެ. އެ ސިލްސިލާގެ ތަމްރީނެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދި އަހަރުގެ ޑިސެމްބަރުމަހު ލ. ކައްދޫގައެވެ.

މިފަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާއިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ. މި ތަމްރީނުތަކަށް ދީފައިވާ ނަމަކީ " އެކުވެރިން " މިިއެވެ.

އިންޑިއާއާ ރާއްޖެއަކީ އަސްކަރީ ގޮތުން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރާ ބައެކެވެ. އެގޮތުން ރާއްޖޭގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގައި ގެއްލޭ މީހުންނާއި އޮޑިދޯނިފަހަރު ހޯދުމުގައި އިންޑިއާއިން އާއްމުކޮށް ބައިވެރިވެއެވެ. ދިވެހި ސިފައިން ބޭނުންކުރަމުން އަންނަ ކަނޑު އުޅަނދުތަކުގެ ތެރެއިން އެންމެ ބޮޑެތި އުޅަނދުތަކަކީ އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދުތަކެވެ. އިންޑިއާއިން ދިވެހި ސިފައިންނަށް ވަނީ ދެ ހެލިކޮޕްޓަރުވެސް ފޯރުކޮށްދީފައެވެ.