ދުނިޔެ

މިޔަންމާ ސިފައިން ރޯހިންޔާ މީހުން މެރީ ހީކުރި ވަރަށް ވުރެ ގިނައިން

  • ޖުމްލަ 900
  • ހަމަލާތަކުގައި ސީދާގޮތުން މަރައިލި 6700
  • ފަސް އަހަރު ނުފުރޭ ކުދިން 730

މިޔަންމާގެ ރާޚައިން ސްޓޭޓުގައި ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ އެގައުމުގެ ސިފައިން މިދިޔަ އޮގަސްޓް މަހު ފެށި އޮޕަރޭޝަނުގައި މީހުން މަރާފައި ވަނީ ކުރިން ހީކުރެވުނު ވަރަށް ވުރެެ މާ ގިނައިން ކަން ހާމަވެއްޖެއެވެ.

ފްރާންސްގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މެޑިސިންސް ސޭންސް ފްރޮންޓިއާސް( އެމްއެސްއެފް) ނުވަތަ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނީ ރާޚައިން ސްޓޭޓުގައި އޮގަސްޓްމަހު އެކަނިވެސް 6700 މީހުން މަރާލާފައިވާ ކަމަށެވެ.

މިޔަންމާ ސިފައިން އެ ސަރަހައްދުގައި ކުރިން ހިންގި ވަރަށް ވުރެ ވަރުގަދަ އަސްކަރީ ހަރަކާތެއް ފެށީ ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަރާކަން ރޯހިންޔާ ސެލްވޭޝަން އާމީ ( އަރްސާ) އިން އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކަކަށް ފަހުގައެވެ.

އެމްއެސްއެފް އިން ބުނީ އޭގެ ފަހަށް ހޭދަވީ އެއް މަސް ދުވަހުގެ ތެރޭގައި ރާޚައިން ސްޓޭޓުން ޖުމްލަ 9000 މީހުން މަރުވި ކަމަށެވެ. އަދި އޭގެ ތެރެއިން ހަމަނުޖެހުންތަކުގައި ސީދާގޮތުން މަރުވި މީހުންގެ އަދަދުގެ އެންމެ ކުޑަ އަންދާޒާއަކީ ވެސް 6700 ކަމަށް އެ ޖަމާއަތުން ބުންޏެވެ. އަދި ބުނީ އޭގެ ތެރޭގައި އުމުރުން ފަސް އަހަރުން ދަށުގެ 730 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އެހާ ވަރަށް މީހުން މެރުމަށް ފަހުގައި މިޔަންމާ ސިފައިން ބުނެފައި ވަނީ އެމީހުން ހަރަކާތްތެެރިވީ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށާއި މަރުވީ 400 މީހުން ކަމަށެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ހެއްކާ އެކު ފެންނަ ހުރި ޖަރީމާތައް ހިންގި ކަމަކަށް ވެސް އެމީހުން އެއްބަހެއް ނުވެއެވެ. ނަމަވެސް ނޫސް އެޖެންސީތަކާއި އދ. ގެ އެޖެންސީތަކުން ބުނެފައި ވަނީ މިޔަންމާ ސިފައިން ރޯހިންޔާ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ގިނަ ޖަރީމާތަކެއް ހިންގައި ނަސްލު ނައްތައިލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ހިންގި ޖަރީމާތަކުގެ ތެރޭގައި ވަކި އުމުރަކަށް ޖިންސަކަށް ނުބަލައި މީހުން މެރުމާއި އިއްފަތް ފޭރުމާއި ގެދޮރު އެންދުން ހިމެނެއެވެ.

އެމްއެސްއެފުން ބުނީ މިޔަންމާ ސިފައިންނާ ދެކޮޅަށް ބައިނަލް އަގުވާމީ ޖިނާއީ ކޯޓު ( އައިސީސީ)ގައި ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ. ނަމަވެސް އެގައުމަކީ އައިސީސީ އުފެއްދި މުއާހަދާގައި ބައިވެރި ނުވާ ގައުަމަކަށް ވާތީ އެފަދަ ދައުވާއެއް ކުރަން އދ.ގެ ދާއިމީ ފަސް މެމްބަރުންގެ ރުހުން ބޭނުންވާނެއެވެ. އެ މެމްބަރުންގެ ތެރެއިން އެއް ގައުމުކަމަށްވާ ޗައިނާއިން ބުނަމުން ދަނީ މިޔަންމާ ސިފައިން ޖަރީމާ ނުހިންގާ ކަމަށެވެ. އަދި އެގައުމުން ދަނީ މިޔަންމާ ސަރުކާރަށް ފާޅުގައި މަދަދުކުރަމުންނެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިން ދިން ހަމަލާއަކާ ގުޅުވައިގެން މިޔަންމާ ސިފައިން ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަރުގަދަ ކުރުމުގެ ކުރިން ވެސް އެދަރިކޮޅުގެ ތިން ލައްކަ މީހުން ބަންގްލަދޭޝްގައި ތިއްބެވެ. މިފަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން ހިޖުރަ ކުރި މީހުންނާއި އެކު، ބަންގްލަދޭޝްގައި ތިބި ރޯހިންޔާ މީހުންގެ އަދަދަކީ އަށް ލައްކައެވެ - ބީބީސީ