ހަބަރު

ޗައިނާގެ ޑައިވް އިންސްޓްރަކްޓަރު މަރުވެފައި އޮއްވައި ފެނިއްޖެ

ސްނޯކަލިންއަށް ގޮސްގެން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު ގެއްލުނު ޗައިނާގެ ޑައިވް އިންސްޓްރަކްޓަރު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ޕޮލިހުން ބުނީ، އދ. މަހިބަދޫ ކައިރީގައި އޮންނަ މާފަރު ކިޔާ ފަޅެއްގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 10:50 ހާއިރު ކަމަށާއި މަރުވެފައި އޮއްވާ ފެނުނު ހަށިގަނޑަކީ އދ. އަތޮޅުގައި ހިންގާ ސެންޓާރާ ގްރޭންޑް ރިސޯޓުން ގެއްލިގެން ހޯދަމުންދިޔަ ޗައިނާ މީހާ ކަމަށެވެ.

އެ މީހާ އަކީ އެ ސެންޓާރާ ގްރޭންޑް ރިސޯޓުގައި މަސައްކަތް ކުރާ 25 އަހަރުގެ ޗައިނާ މީހެކެވެ. އޭނާ އަކީ އެ ރިސޯޓްގެ ޑައިވިން ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ ގެއްލިފައިވަނީ މިދިޔަ އަންގާރަ ދުވަހު ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށެވެ.

ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުން ގެނބިގެން މަރުވުމުގެ ވަރަށް ގިނަ ހާދިސާތަކެއް މި އަހަރުގެ ތެރޭގައި ވެސް ވަނީ ހިނގައިފަ އެވެ. އަދި ޗައިނާގެ ޓޫރިސްޓުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅަން ޗައިނާ ސަރުކާރުން ދިވެހި ސަރުކާރުގައި މިފަހުން ވަނީ އެދިފަ އެވެ.