ހަބަރު

ހުޅުމާލެ އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލާގައި ކުއްޖަކަށް ދައުވާކޮށްފި

މިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވި މައްސަލާގައި ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާކޮށްފި އެވެ. ދައުވާކޮށްފައިވަނީ، އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން ކުއްޖާގެ މައްޗަށެވެ.

އެ ހާދިސަގައި މަރުވެފައި ވަނީ އުމުރުން 64 އަހަރު، މާލޭ ދަފްތަރު 1140 އިބްރާހިމް ރަޝީދު އާދަމެވެ.

ހާދިސާ ހިނގިއިރު ދައުވާކޮށްފައިވާ ކުއްޖަށް 16 އަހަރެވެ. މިހާރު 17 އަހަރުވެފައިވާ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ، މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

އިބްރާހިމް ރަޝީދު ދުއްވި ސައިކަލާއި ބާރު ސްޕީޑްގައި ދުއްވި އެހެން ސައިކަލާ ޖެހި ހިނގި މި އެކްސިޑެންޓާ ގުޅިގެން ދައުވާކޮށްފައިވާ ކުއްޖާގެ އިތުރުން އޭނާގެ ސައިކަލްގެ ފަހަތުގައި އިން ކުއްޖާ ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ދައުވާކޮށްފައެއް ނުވެ އެވެ. އެކްސިޑެންޓްވުމުން އެ ކުދިން ވަނީ އެތަނުން ފިލާފަ އެވެ. ހައްޔަރުކޮށްފައިވަނީ ފަހުންނެވެ.

މައްސަލާގެ އިބްތިދާއީ އަޑުއެހުން ފަށާފައިވާއިރު ވަކީލަކު ހަމަޖައްސަން އޭނާއަށް ވަނީ ފުރުސަތު ދީފަ އެވެ.