ހަބަރު

ގޭންގް މާރާމާރީއެއްގައި މީހަކު މަރާލުމުން ތިން މީހަކަށް ދައުވާކޮށްފި

ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މާފަންނު، އައިޓަމްސް ފިހާރަ ކައިރީގައި ގޭންގް މާރާމާރީއެއް ހިނގައި މީހަކު މަރާލި މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ. އެ މާރާމާރީގައި މަރުވީ، ވ. ކެޔޮދޫ ދޭލިޔާގެ މޫސާ އަހުމަދެވެ.

މޫސަ މަރާލި މައްސަލާގައި، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ، އދ. މާމިގިލި ސޭޑީ ގްރޫވް އުމުރުން 18 އަހަރުގެ ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ. އޭނާއަށް މަގުބޫލު ސަބަބެއް ނެތި އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ކުރެ އެވެ.

ދެން އުފުލާފައިވަނީ، މ. ދިއްގަރު، ދެބުދާރުގެ އުމުރުން 28 އަހަރުގެ އަހުމަދު އިޖާދު މުހައްމަދާއި ނ. ޅޮހި ކަނީރުމާގެ އުމުރުން 24 އަހަރުގެ މުހައްމަދު ރިޔާޒުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އައިޓަމްސް ކައިރީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގެ ބަދަލު ހިފުމުގެ ގޮތުން ހުޅުމާލޭގައި ވެސް މާރާމާރީއެއް ހިންގައި މީހަކު މަރާލި އެވެ. އެ މައްސަލާގައި ވެސް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.