ވިޔަފާރި

އިންޓަނެޓްގެ ހިދުމަތް ދޭނެ އިތުރު ކުންފުންޏެއް ހޯދަން އިއުލާނުކޮށްފި

May 1, 2015
1

މުޅި ރާއްޖެއަށް އިންޓަނެޓުގެ ހިދުމަތް ދޭނެ އިތުރު ކުންފުންޏެއް ހޯދުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހުޅުވާލައިފި އެވެ.

ރާއްޖޭގެ މުއާސަލާތީ ދާއިރާގެ ބަލަދުވެރި ފަރާތްކަމަށްވާ، ކޭމްއިން ބުނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމަށްޓަކައި އިތުރު ފަރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އިންޓަނެޓު ސާވިސް ޕްރޮވައިޑާ (އައިއެސްޕީ) ލައިސަންސް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ ރިއުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އެ އޮތޯރިޓީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އިންޓަނެޓުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކޭމުން ބުނެ އެވެ.

ކޭމުން ބުނީ އިންޓަނެޓުގެ ހިދުމަތް ދިނުމަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އިންޓަނެޓުގެ ހިދުމަތް ދޭނެ އިތުރު ފަރާތްތައް ހޯދަނީ ސަރުކާރުން އެކުލަވާލާފައިވާ "ނޭޝަނަލް ބްރޯޑް ބޭންޑް ޕޮލިސީ" ގެ ދަށުން މުޅިރާއްޖެއަށް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތް ފަތުރާލުމަށް ކަމަށް ކޭމުން ބުނެ އެވެ.

އެ އޮތޯރިޓީން ބުނީ މި މަޝްރޫއު ހިންގުމަށް ކުންފުންޏެއް ހޮވުމުގައި އެ ފަރާތެއްގެ މާލީ ގާބިލްކަމާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާގައި ތަޖުރިބާ ހުރި މިންވަރު ފަދަ ގިނަ ކަންތައްތަކަށް ބެލޭނެ ކަމަށެވެ.

އިންޓަނެޓުގެ ހިދުމަތް ދޭނެ ކުންފުންޏެއް ހޯދުމުގެ މަސައްކަތް ކޭމުން ފެށިއިރު، މިހާރު ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި ފޯކަސް އިންފޯކޮމް (އާރްއޯއެލް) އިންނެވެ.