ދުނިޔެ

ޖިންސީ ތުހުމަތާ އެކު އެމެރިކާ ސިޔާސީ މީހަކު އަމިއްލައަށް މަރުވެއްޖެ

ފުރާވަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުމުން އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ސިޔާސީ މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ސީއެންއެން ބުނީ ސޯޝަލް މީޑިއާ ފޭސްބުކްގައި އަމިއްލައަށް މަރުވާ ވާހާކަ ހާމަކުރުމަށް ފަހު އަމިއްލަ ބޮލަށް ބަޑިޖަހައިގެން މަރުވީ ކެންޓަކީ ސްޓޭޓުގެ ސަރަހައްދީ ޕާލަމެންޓުގެ މެމްބަރެއް ކަމަށްވާ ޑޭން ޖޯންސަން ކަމަށެވެ.

ޖޯންސަން އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި ފަސްޓް ލޭޑީ މިޝޭލް އޮބާމާއަށް ވަރަށް ހުތުރުކޮށް މަލާމާތްކުރި މީހެކެވެ. އެގޮތުން އެ ދެބޭފުޅުންނަކީ " ރާމާމަކުނު"ގެ ގޮތުގައި އޭނާ އެއްފަހަރު ސިފަކުރިއެވެ. އޭނާ ކެންޓަކީ ޕާލަމެންޓަށް އިންތިހާބުވީ އެކަންތައް އެހެން ކޮށްފައި ވަނިކޮށެވެ. ޕާލަމެންޓަށް އިންތިހާބުވި ފަހުން އޭނާ ވަނީ ސްކޫލްތަކުގެ ކިޔަވައިދިނުމާއި ދީނީ މިނިވަންކަމާ ގުޅޭ ގިނަ ބިލުތަކެއް ހުށަހަޅާފައެވެ.

ޖޯންސަން އަކީ ޗާޗެއްގެ ޕެސްޓާ އެއް މެއެވެ.

ޖޯންސަންގެ އަމިއްލަ ގޭގެ ބިންގަރާހުގައި 2013 ވަނަ އަހަރު އޭނާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު މިދިޔަ ހޯމަ ދުވަހު ފެންމަތި ކުރީ ކެންޓަކީ ސެންޓަ ފޯ އިންވެސްޓިގޭޓިވް ރިޕޯޓިން އިންނެވެ. އެ ސެންޓަރުގެ އެޖަމާއަތުގެ ރިޕޯޓުގައި ބުނެފައި ވަނީ ޖޯންސަންގެ އެއަމަލު އަނިޔާ ލިބުނު އަންހެނާ ހަމަ އޭރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ނަމަވެސް އެކަމުގައި ފުލުހުން އޭނާއާ ދެކޮޅަށް ތަހުގީގެއް ހިންގައި ، ދައުވާއެއް އުފުލާފައެއް ނުވެއެވެ.


ޗާޗުގަައި އަންގާރަ ދުވަހު ވާހަކަ ދައްކަމުން ޖޯންސަން ވަނީ އޭނާއަށް ކުރި ތުހުމަތު ދޮގުކޮށްފައެވެ. ޖެހިގެން އައި ދުވަހު ފޭސްބުކްގައި އޭނާ ބުނެފައި ވަނީ ފާއިތުވި 16 އަހަރު އޭނާ ދިޔައީ ނަފުސާނީ މައްސަލައެއް ކަމަށްވާ " ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސް އޯޑާ" ތަހައްމަލު ކުރަމުން ކަމަށާއި އެކަމުގައި އޭނާގެ ފުރާނަދާނެ ކަމަށެވެ.

އެކަހެރި ހިސާބެއްގައި ކާރެއްގެ ތެރޭގައި ޖޯންސަން އަމިއްލަށް މަރުވީ އޭގެ ފަހުންނެވެ.