ހަބަރު

މެލޭޝިއާގެ އިދިކޮޅު ލީޑަރާ، މަހުލޫފް ބައްދަލުކުރައްވައިފި

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރުގެ ނައިބު އަންވަރު އިބްރާހިމްގެ އަނބިކަނބަލުން އަދި މިހާރު އިދިކޮޅުގައި އިސްކޮށް މަސައްކަތް ކުރައްވާ ލީޑަރު ޑރ. އަޒީޒާ ވަން އިސްމާއިލްއާ ބައްދަލުކުރައްވައިފި އެވެ.

މިހާރު މަހުލޫފް، މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޑރ. އަޒީޒާއާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ، މެލޭޝިއާގެ ސަރުކާރުން އދ.ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް އަންވަރު އިބްރާހިމް ދޫކޮށްލަންޖެހޭ ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އަންވަރު އިބްރާހިމް ފަސް އަހަރަށް ޖަލަށް ހުކުމް ކޮށްފައި ވަނީ ސިޔާސީ ސަބަބުތަކާ ހުރެ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އަންވަރުގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާއާ އެކު އުޅޭ ފިރިހެނަކާ އެކު ޖިންސީ ގުޅުން ހިންގުމުގެ ކުށެވެ. އަންވަރު އިންކާރު ކުރައްވާ މި އަމަލާ ގުޅިގެން ހުކުމް ކޮށްފައި ވަނީ ފަސް އަހަރަށް ޖަލަށް ލުމަށެވެ.

މެލޭޝިއާ އަށް 1957 ވަނަ އަހަރު މިނިވަންކަން ލިބުނީންސުރެ އެ ގައުމުގައި ވެރިކަންކުރާ ޔުނައިޓެޑް މެލޭސް ނެޝަލަން އޯގަނައިޒޭޝަން އަށް އޮތް އެންމެ ބޮޑު ބިރު ކަމަށް ވެފައި ވަނީ އަންވަރެވެ. ވެރިކަންކުރާ ޕާޓީ އަށް އިންތިހާބުތަކުގައި ލިބޭ ތާއީދު ކުޑަވަމުން ދާއިރު އަންވަރުގެ ޕާޓީ އަށް ދަނީ ތާއީދު އިތުުރުވަމުންނެވެ.

މީގެކުރިން މަހުލޫފް ވަނީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރް މުހައްމަދާ ބައްދަލުކުރައްވާފަ އެވެ. މަހާތީރްއާ ބައްދަލުކުރެއްވުމަށްފަހު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތު އޮތީ މެލޭޝިއާގެ ހާލަތާ ވަރަށް އެއްގޮތަށް ކަމަށާއި އެކަން މަހާތީރްއާ ހިއްސާކުރެއްވި ކަމަށެވެ.

މިހާރުގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރާ، އިދިކޮޅު ކޯލީޝަން މިހާރު ޗެއާ ކުރައްވަނީ މަހާތިރެވެ. މަހާތިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. މިހާރު ބޮޑު ވަޒީރު ނަޖީބު ރައްޒާގުއާއެކު ރައީސް އަބްދުﷲ ޔާމީން ވަނީ ހާއްސަ ގުޅުމެއް އުފައްދަވާފަ އެވެ. އެގައުމަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވި އެވެ. ނަޖީބު އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ.