ހަބަރު

އިދާރާތައް ގާނޫނަށް އަމަލެއް ނުކުރޭ، ނޫންނަމަ ފާރިސް މިނިވަންވީސް: ވަކީލް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގަ ކަމަށާއި އެކަމުގައި ދައުލަތުގެ އިދާރާތަކުން ޒިންމާ ނަގަންޖެހޭނެ ކަމަށް އޭނާގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވެއްޖެ އެވެ.

ހުކުމެއް ނެތި، ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރިތާ މިއަދަށް 150 ދުވަސްވެފައިވާތީ ނޫސްވެރިން ބައްދަލުކުރައްވައި، ވަކީލް ޝަމީލް ވިދާޅުވީ، ޕްރި ޓްރައިލް ޑިޓެންޝަން ނުވަތަ ހުކުމެއް ކުރިން މީހަކު ބަންދުކުރާ ބަންދުކުރުމަކީ އެންމެ ނުރައްކާތެރިކޮށް ނަގާލެވޭ އެއް އިންސާނީ ހައްގު ކަމަށް ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު، ބައިނަލްއަގްވާމީ މުއާހަދާތަކާ ހަވާލާދީ ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތަށް ބަޔާންކޮށްފައިވާއިރު ފާރިސް މިހާރު ހުންނެވީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ، ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ސަމާލުކަމަށް އެކަން ގެނެސް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެ އޮފީހުގެ ފަރާތުން އެކަމަށް އެއްވެސް އަޅާލުމެއް އަދި ސަމާލު ކަމެއް ދީފައިނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ، ޖިނާއީ ކުޑަ ކުށެއްގަ މީހެއްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ނުކުރެވޭނެ ކަމަށް ހައިކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށާއި އަދި ރިޝްވަތުގެ މައްސަލައަކީ ޖިނާއީ ކުޑަ ކުށެއް ކަމަށެވެ. ކުޑަ ކުށެއްގެ ތުހުމަތުގަ މިހާރު ބަންދުގައި ފާރިސް ހުންނަވާތާ 150 ދުވަސްވީިއިރު އެއީ ގާނޫނާ ހިލާފު ބަންދަކަށް ނޫނީ ނުވާނެ ކަމަށެވެ.

"މިއީ ދައުލަތުގެ އިދާރާތަކުން ގާނޫނަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ފާރިސް މައުމޫން ތަހައްމަލުކުރަން ޖެހިފައިވާ ބޭއިންސާފު އަނިޔާއެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ގާނޫނީ ޒިންމާ އަދާކުރާކަށް ބޭނުމެއް ނުވޭ، އެ ބޭފުޅުންނަށް ކުރެވޭ ކަމަކީ ހަމައެކަނި މުސާރަ ނެގުން، ގާނޫނާ ހިލާފަށް ހިންގާ އަމަލުތައް ފޮރުވުމަށް ވެސް މަސައްކަތް ކުރޭ،" ޝަމީލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފާރިސްގެ ފަރާތުން ދައުލަތުގެ އެކި އިދާރާތަކަށް ތަކުރާރުކޮށް ޝަކުވާ ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން ގާނޫނީ ޒިންމާ ނަގަން ބޭނުން ނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ. އަދި ފެނިގެން ދަނީ ގާނޫނާ ހިލާފު އަމަލުތަކަށް އިދާރާތަކުން ތަރުހީބުދޭ މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ފާރިސްގެ ފަރާތުން ދެ މައްސަލައެއް ހުށަހެޅިކަން ފާހަގަކުރައްވަމުން، ޝަމީލް ވިދާޅުވީ، އޭގެ ތެރެއިން އެއް މައްސަލާގެ ޖަވާބުގައި އެއްވެސް އިންސާނީ ހައްގެއް ފާރިސްއަށް ގެއްލިފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. ޝަމީލް ވިދާޅުވީ، އެޗްއާރްސީއެމްގެ އެ ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ފާރިސްގެ އެއްވެސް ހައްގެއް ނުގެއްލޭކަން އެ ކޮމިޝަނަށް ގަބޫލު ކުރެއްވުނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމެއް ސާފެއް ނުވޭ، އެ ބޭފުޅުން އެންމެ ފަހުން ނެރުނު ބަޔާނުގަ ބުނީ ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވަން ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް، އޭގެ ސަބަބެއް ކަމަށް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިފައިވުން، އެ ގާނޫނަށް އަމަލުކުރަން ފެށުނަކީ އިންސާނީ ހައްގަށް ކުރިއެރުމެއް ކަމަށް ފާހަގަކުރިއިރު އެއާ ހިލާފަށް އަމަލުކުރަމުންދާއިރު އެޗްއާރްސީއެމްއަށް ރިޔާތެއް ނުކުރެވޭ، އެޗްއާރްސީއެމްއިން މައްސަލަ ތުހުގީގު ކުރީ ފާރިސްއާ ސުވާލެއް ވެސް ކޮށްނުލާ،" ޝަމީލް ވިދާޅުވި އެވެ.

ފާރިސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުކުރާ މައްސަލަ ވެސް ޝަމީލް ފާހަގަކުރެއްވި އެވެ. އެ ހައްގު ވެސް ފާރިސް ކިބައިން ވަނީ ނިގުޅައިގެންފަ ކަމަށާއި އެކަމާ ގުޅިގެން މަޖިލީހަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

މީގެއިތުރުން ޝަމީލް ވިދާޅުވީ، ފާރިސް ހައްޔަރުކޮށް ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލާގެ ހުކުމް ވެސް ލަސްވެފައިވާ ކަމަށާއި ފަހުން މައްސަލާގައި އެކުލަވާލި ބެންޗު ވެސް މިހާރު ރޫޅިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ބެންޗަކީ ދެކުނުގެ ގޮފީގެ ފަނޑިޔާރު ސުޖާއު އުސްމާނު ހިމަނުއްވައިގެން އެކުލަވާލި ބެންޗެކެވެ. ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭ ހައިކޯޓުގައި މަސައްކަތް ކުރައްވަން ސުޕްރީމް ކޯޓުގެ އަމުރަކުން އެންގެވީ ތިން މަހަށް ކަމަށާއި މިހާރު އެ ތިން މަސް ހަމަވެފައިވާ ކަމަށެވެ. އެހެންވެ، މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ބެންޗުން މައްސަލާގައި ހުކުމް އިއްވައިދެއްވުމަށް އެދިފައިވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ވެސް އެ މައްސަލާގައި ހައިކޯޓުން ތިން ދުވަސް ތެރޭގައި ހުކުމް އިއްވައިދޭން އަމުރުކޮށްދޭން މިއަދު އެދިފައިވާނެ ކަމަށް ޝަމީލް ވިދާޅުވި އެވެ.