ހަބަރު

ނާޒިމް އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި

ޖަލުގައި ހުންނެވި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ. އޭނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ މިއަދު ހަވީރު 4:15 ހާއިރު އެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ނާޒިމް ގޭބަންދަށް ބަދަލުކުރީ ޖަލު މަރާމާތުކުރުމަށެވެ. އެއީ ވަކި މުއްދަތަކަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެކުރިން ވެސް ނާޒިމް ދެ ފަހަރެއްގެ މަތިން ގޭބަންދަށް ބަދަލުކުރި އެވެ. އެންމެފަހުން ގޭބަންދަށް ބަދަލުކުރީ ރޯދަ މަހަށެވެ. އޭނާ ގޭބަންދުން ޖަލަށް ބަދަލުކޮށްފައިވަނީ، މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އޭގެ ކުރިން ވެސް ނާޒިމް ގިނަ ދުވަސްތަކެއް ވަންދެން ގޭބަންދުގައި ހުންނެވި އެވެ. އެ ފަހަރު ނާޒިމް ގޭބަންދަށް ބަދަލުކުރީ ޖަލު މަރާމާތުކުރުމަށެވެ. އެފަހަރު ގޭ ބަންދުގައި ބެހެއްޓުމަށްފަހު ނާޒިމް ޖަލަށް ބަދަލުކޮށްފައިވަނީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ، ހަނގުރާމަ ގެންގުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ.

ނާޒިމް އަލުން ޖަލަށް ބަދަލުކޮށްފައިމިވަނީ ނާޒިމް ގިނަ ތުހުމަތުތަކެއް ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ. އެ ސިޓީގައި އަދީބު ވަނީ އެގެކޮޅުން ފެނުނު ތަކެއްޗަކީ ނާޒިމްގެ ތަކެތި ނޫން ކަމަށް ވިދާޅުވެފަ އެވެ. އެތަކެތީގެ ހަގީގަތް ނާޒިމަށް ނޭނގޭނެ ކަމަށާއި އެކަން އެނގޭނީ އަދީބަށް ކަމަށް ވެސް އޭނާގެ ސިޓީގައިވެ އެވެ. އެކަންކަން ޝަރުއީ ކޯޓުގައި ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.