މިދިޔަ މާލީ އަހަރުގެ ހިސާބުތައް ނެރުން ލަސްވަނީ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ ހިސާބުތައް ނުނިމޭތީ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ބުނީ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ ހިސާބުތައް ލިބުން ލަސްވުމާއެކު ކުންފުނީގެ ކޮންސެލިޑޭޓް ފައިނޭންޝަލް ރިޕޯޓް ތައްޔާރު ކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެން އަހަރީ ރިޕޯޓް އަދި ހިސާބުތައް ނެރުން ފަސްކުރީ ކަމަށެވެ.
"ކުންފުނިން މިދަނީ ހިސާބުތައް ނިމުނުހާ އަވަހަށް ޝާއިއު ކުރުމަށް މަސައްކަތް ކުރަމުންނެވެ، މިކަން ހިއްސާދާރުންނާއި ކަމާބެހޭ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދެންނެވީމެވެ،" އެސްޓީއޯ އިން ބުންޏެވެ.
ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އިން އެކުލަވާލާފައިވާ ހިއްސާ ވިއްކާ ކުންފުނިތަކުގެ މައުލޫމާތު ހާމަކުރުމުގެ ގަވާއިދުގައިވާ ގޮތުން އަހަރީ ރިޕޯޓު، ކޮންމެ އަހަރެއް ނިމޭތާ ހަތަރު ވަނަ މަހު އާއްމުކުރަން ޖެހެ އެވެ. އަދި ކުއާޓަލީ ރިޕޯޓް (ތިން މަހުން ނެރޭ) ރިޕޯޓް ކުއާޓާ ނިމޭތާ އެއް މަސް ދުވަހުގެ ތެރޭގައި އާއްމު ކުރަން ޖެހެ އެވެ.
އަހަރީ ރިޕޯޓު ނެރުން ލަސްވުމުގެ ސަބަބުން މީގެ ކުރިން ކުންފުނިތައް ޖޫރިމަނާ ކޮށްފައިވެ އެވެ.