ހަބަރު

ޕާޓީތަކަށް ގުލާނު ނުކޮށް ޖޭޕީ ވާންވީ "ކިންގް"އަކަށް: އުމަރު

ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅުމުގެ އެންމެ ބޮޑު މަގުސަދަކީ "ކިންގް މޭކާ"އެއްގެ ގޮތުގައި ޕާޓީ، "ކިންގް"އަކަށް ހެދުމަށް ކަމަށް ޖޭޕީއާ މިއަދު ގުޅިވަޑައިގަތް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ޖޭޕީއަކީ ވެރިކަން ކުރާ ޕާޓީއަށްވުމުގެ ވިސްނުންހުރިނަމަ އެ ޕާޓީއަށް އޭނާގެ ހިދުމަތް މުހިންމުވާނެ ކަމަށް ވިދާޅުވި އެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މިއަދު ޖޭޕީ ކުރަންވީ ސުވާލަކީ ތިންވަނަ ޕާޓީގެ ގޮތުގައި އަދިވެސް އޮންނާނީތޯ ނުވަތަ އެއްވަނަ ޕާޓީއަށްވުމަށް އިތުރު އިންޖީނުތައް އަޅައިގެން މަސައްކަތް ކުރާނީތޯ ކަމަށެވެ. ޖޭޕީ މިހާރު އާ ހިތްވަރާއެކު ނުކުންނަންވީ ކަމަށާއި އަނެއްކާވެސް އެހެން ޕާޓީއެއް ވެރިކަމަށް ގެނައުމަށް ގުލާނު ކުރަންވީ ނޫން ކަމަށެވެ. އެހެން ޕާޓީތައް ވެރިކަން ކުރަން ގެންނަން ކޮށްފައިވާ މަސައްކަތްތަކީ ހިތި ތަރުރިބާތަކެއް ކަމަށާއި އެކަން އަލުން ތަކުރާރުކުރަން ބޭނުން ނޫންމަ ޖޭޕީ ޖެހޭނީ ފަލިތައް ނަގައި ރިޔާތައް ނަގައިގެން 2018 އަށް ވަރުގަދައަށް ނުކުންނަން ކަމަށް އުމަރު ވިދާޅުވި އެވެ.

"މިހެން އަޅުގަނޑު ދަންނަވާއިރު ވެސް އެނގޭ ޖޭޕީ އޮތީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރޭގައިކަން، އަދި މި ކޯލިޝަން އެއް ކެންޑިޑޭޓެއް ނެރެން މަސައްކަތް އެބަކުރޭ، މިއީ ވަރަށް މުހިންމު މަސައްކަތެއް، މި މަސައްކަތަށް ޖޭޕީ ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެ، އެއް ކެންޑިޑޭޓެއް ނެރުމަށް މި ވަގުތު އޮތް ހުރަހަކީ ފޯމިއުލާއެއް ނެތުން،" އަމުރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ފޯމިއުލާއެއް އަލުން ނެރެން ނުޖެހޭ ކަމަށާއި އެކަން ފޯމިއުލާއެއް އެބަ އޮތް ކަމަށެވެ. އެއީ ފެހި ގާނޫނު އަސާސީ އެންމެ ބޮޑު ދެ ޕާޓީގެ ތެރޭގައި ދާށިވެފައިވަނިކޮށް ހާއްސަ މަޖިލިސް އުފައްދައި، އެ މަޖިލީހުގެ ރައީސްކަން ތިންވަނަ ފަރާތަކަށް ދެއްވައިގެން ފެހި ގާނޫނު އަސާސީ ގެނައި ފޯމިއުލާ ކަމަށެވެ. ފެހި ގާނޫނު އަސާސީ ވުޖޫދަށް ގެނައި ފޯމިއުލާ ބޭނުން ކޮށްގެން އަންނަ ރިޔާސީ އިންތިހާބު ކޯލިޝަންގެ ޕާޓީތަކުން ކާމިޔާބުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"އެއްބަސްވުމަކަށް ނާދެވޭ ހާލަތުގައި ވެސް ގުޅިފައިވާ ކޯލިޝަނަށް ވާނުވާ ޖަހާފަ ރިޔާސީ އިންތިހާބު ގައިދަށުވަންދެން ކޯލިޝަން ވެސް އަދި ޖުމްހޫރީ ޕާޓީ ވެސް އޮންނަން ވާނެ ކަމަކަށް ނުދެކެން، ގޮތެއް ނުނިމި ޕާޓީތައް ވާނުވާގަ އޮންނަ ކޮންމެ ދުވަހަކީ ވާދަވެރިޔާ ހިލޭ ލިބޭ ވަގުތު،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ޖޭޕީއާމެދު ރައްޔިތުންގެ ބޮޑެތި އުއްމީދުތަކެއް ކުރާ ކަމަށެވެ. އެހެންވެ، ޕާޓީ "ވަކަރަށް ޖަހަން" ޖެހޭ ކަމަށެވެ. "ކިންގް މޭކާ"އެއްގެ ގޮތުގައި ޕާޓީ "ކިންގް"އަކަށް ބަދަލުވާން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، "ކިންގް މޭކާ" ޕާޓީން "ކިންގް"އަށް ވެވޭނީ ޕާޓީގެ ދޮރު ހުރިހާ ފިކުރެއްގެ ފަރާތަކަށް ވެސް ހުޅުވާލައިގެން ކަމަށެވެ. އޭނާ ޖޭޕީއާ ގުޅެން ނިންމީ، ތިންވަނަ ޕާޓީން ވެރިކަން ކުރާ ޕާޓީއަށްވުމަށް ޖޭޕީގެ ވިސްނުންހުރިނަމަ އެކަމުގައި އެހީވުމަށް ކަމަށެވެ. އެ ވިސްނުން ޕާޓީގައި ނެތްނަމަ އޭނާގެ ހިދުމަތް ޕާޓީއަށް އެހާ މުހިންމު ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ޕާޓީގެ ލީޑަޝިޕުން ނިންމަންވީ ޖޭޕީ ވާނީ ލީޑަރަކަށްތޯ ނޫނީ ފްލޯވަރަކަށްތޯ، ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީގެ ވެރިކަން ދިވެހި ރައްޔިތުން ތަޖުރިބާ ކޮށްފައިވާތީ މިއީ މި ޕާޓީގެ ފަހަރު، މިއީ މި ޕާޓީގެ ދިދަތައް އުފުލައި، އަޑުތައް އުފުލައި ކުލަތައް ދައްކަންވީ ފަހަރު، މިއީ މި ޕާޓީގެ އަތަށް ގައުމީ ދަންމަރު ގެންނަން އަތުކުރި އޮޅާލަންވީ ވަގުތު، ދިވެހިން ތަޖުރިބާ ކުރި ވެރިކަންތަކާ އެއްގޮތަށް މި ޕާޓީ ދަތުރު ނުކުރާނެ ކަމުގެ ވައުދާއި ތެދުވެރިކަމާއި އަމާނަތްތެރިކަމާއި އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް އޮންނާނެ ސަރުކާރެއް ގާއިމުކޮށްދޭނެ ސަރުކާރެއް ގާއިމުކޮށްދޭނެ ކަމުގެ ވައުދުގެ ބަސް އިއްވަންވީ ފަހަރު،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ދިވެހިން އަދިވެސް ތިބީ 2018 ގެ ރިޔާސީ އިންތިހާބުގައި އިތުބާރުކުރަންވީ ކާކަށްތޯ ކޮން ޕާޓީއަކަށްތޯ ކަނޑައަޅަން ނޭނގިފަ ކަމަށެވެ. އެހެންކަމުން މިއީ ޖުމްހޫރީ ޕާޓީ ކުރިއަށް ޖެހި މަސައްކަތް ގަދައަށް ފަށަންވީ ވަގުތު ކަމަށެވެ.

ޖޭޕީއާ ގުޅުނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކަމަށް ދެކެވޭ ވާހަކަތަކީ މުޅިން ތެދެއް ނޫން ކަމަށާއި ޖޭޕީ ޓިކެޓްގެ ހައްގުދާރަކީ ގާސިމް އިބްރާހިމް ކަމަށް އުމަރު ވިދާޅުވި އެވެ. ކޯލިޝަން ޓިކެޓްގެ ހައްގުދާރަކީ ވެސް ގާސިމް ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ކުރިމަނުލެއްވޭ ހާލަތެއް އައި ނަމަވެސް "ބައްތެލި އެހެލާފައި" ބަހައްޓައިގެން ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ދިވެހި ލޭ ހިނގާ ބުންވަރާއި ޖޯޝް ހުރި މީހުން މި ޕާޓީގައި ތިބެން ވާނެ، ގާސިމް އިބްރާހިމަކީ އެމަނިކުފާނުގެ ދަރިއެއް ބޭބެއެއް ކޮއްކޮއެއް ސިޔާސީ މައިދާނެއް ނެރުއްވާ ބޭފުޅެއް ނޫން، ކޮންމެ މީހަކަށް ވެސް މި ޕާޓީގެ ތެރެއިން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުއްވާލައްވާފަ، އެމީހެއްގެ ހުރި ގާބިލުކަމާއި މުރާލިކަމުގެ މައްޗަށް ނޫނީ މުސްތަގުބަލް ބިނާ ނުކުރެވޭނެކަން ގާސިމް ވަނީ އަމަލީ ގޮތުން ދައްކަވާފަ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވަނީ ވެރިކަމަށާއި މަޖިލީހުގެ ގޮނޑިތަކަށް އަދި އެހެންވެސް ސިޔާސީ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީއަށް ވަނުމަށް ދައުވަތު ދެއްވާފަ އެވެ. ޖޭޕީގެ އެއްވެސް ދޮރެއް ބަންދުކޮށްފައިނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވަނީ ޖޭޕީގެ ސަރުކާރެއްގައި ފެނިގެންދާނެ ބައެއް ސިފަތައް ވެސް ކިޔައިދެއްވާފަ އެވެ. އެގޮތުން އެ ޕާޓީގެ ލީޑަރު އެންމެ ގަދައަށް ވަކާލާތުކުރައްވައި މިނިވަން ޖުޑިޝަރީއެއްގެ ހިޔާ ރައްޔިތުންނަށް ޖޭޕީގެ ސަރުކާރެއްގައި ލިބިގެންދޭތޯ ބެލުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި، ވަޒީފާގެ ބިރުވެރިކަމެއް ނެތި ހަމަހަމަކަމާއެކު މަަސައްކަތް ކުރާ ސިފައިންނާއި ފުލުހުން އަދި ސިވިލް ސާވެންޓުން ދެކެން ދިވެހިން ބޭނުންވާ ކަމަށް އުމަރު ވިދާޅުވި އެވެ. ގާސިމް އަމިއްލަ ދިރިއުޅުމުގައި ގެންގުޅުއްވި ސިޔާސަތުތައް ގައުމީ ފެންވަރެއްގައި ތަންފީޒުކުރެވޭ މަންޒަރު ވެސް ބަލަން ބޭނުންވެފައި ތިބިކަން އުމަރު ފާހަގަކުރެއްވި އެވެ.

އޭގެއިތުރުން އެތައް ދިވެހިންނަކަށް ހިލޭ މަތީ ތައުލީމްގެ ފުރުސަތާއި ބޭސްފަރުވާ ހިދުމަތް ފޯރުކޮށްދެއްވި ގާސިމް އިބްރާހިމްގެ ލީޑަޝިޕްގައި ހިނގާ ޕާޓީއެއްގެ ސަރުކާރުގައި މަތީ ތައުލީމުން މަހުރޫމްވުން ނެތިދިޔުމާއި މަތީ ތައުލީމް މުޅިން ހިލޭ ލިބިގެންދާ މަންޒަރު ދެކެން ވެސް ރައްޔިތުން ބޭނުންވެފައި ތިބި ކަމަށް އުމަރު ވިދާޅުވި އެވެ. ބޭސްފަރުވާއަށް އިސްކަންދޭ އަދި، ކުދި ވިޔަފާރިތައް ކުރިއަރުވާ ސަރުކާރެއް ވެސް ބޭނުންވާ ކަމަށް އުމަރު ވިދާޅުވި އެވެ. އެފަދަ ކަންކަން ގާސިމްގެ ލީޑަޝިޕުން ތަންފީޒު ކުރައްވަނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް ވިދާޅުވި އެވެ.

"މިދެންނެވި ފަދަ ކަންކަން ތަންފީޒުކުރަން ޖުމްހޫރީ ޕާޓީއަށް ފުރުސަތު ލިބިއްޖެނަމަ މަތީ ތައުލީމާއި ތަހުޒީބުގެ ހާ ހަރުފަތަކަށް ދެވޭނެ، މިފަދަ އުއްމީދުތަކެއް ރައްޔިތުން މި ޕާޓީއާމެދު ދެކޭތީ ޕާޓީގެ ތަސައްވަރެއް ކުރާހަލަން ޖެހޭ، މި ޕާޓީ ވޭތުވެދިޔަ އަހަރުތަކުގަ ކުޅެފައިވަނީ ކިންގް މޭކަރެއްގެ ރޯލް، މި ޕާޓީއަކީ އެހެން ޕާޓީތަކަށް ރައީސްކަން ހޯދައިދޭ ޕާޓީއެއް، ނަމަވެސް މި ޕާޓީއަކީ ކިންގް މޭކަރެއްގެ ރޯލް އަދާކުރާ ޕާޓީން ކިންގްއަށް ބަދަލުވާން ވަކި ފިކުރެއްގައި ޕާޓީ ގާއިމުވާންޖެހޭ،" އުމަރު ވިދާޅުވި އެވެ.