ދުނިޔެ

ޓްރަމްޕާ ރަޝިޔާއާ ގުޅުވައިގެން އުޅެނީ ގެއްލުންދޭން: ޕުޓިން

އެމެރިކާގެ ރިޔާސީ އިންތިހާބު ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ކާމިޔާބުކޮށްދޭން ރަޝިޔާއިން މަސައްކަތްތަކެއް ކުރިކަަމަށް ކުރާ ތުހުމަތު ތަކަކީ އިދިކޮޅު ފަރާތްތަކުން ޚުދު އެމެރިކާއަށް ގެއްލުންދޭން ކުރާ ކަަމެއް ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ސިފަކުރައްވައިފިއެވެެ.

ޕުޓިން މިމޭރުމުން ވާހަކަފުޅު ދެއްކެވީ އެމެރިކާގެ ރިޔާސަތަށް ޓްރަމްޕް ގެންނަން ރަޝިޔާއިން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ކުރާ ތަހުގީގާ ބެހޭ ގޮތުން ޕުޓިންގެ ހިޔާލު ހޯދަން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ ޓްރަމްޕް އިންތިހާބުކުރަން ވޯޓު ދިން މީހުންނަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން އިހުތިރާމުނުކުރާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޓްރަމްޕްގެ ކެމްޕޭނުގެ އިސް ބައެއް ބޭފުޅުން ރަޝިޔާ އޮފިޝަލުންނާ ބައްދަލުކުރެއްވިކަން މިހާރުވަނީ ޔަގީންވެފައެވެ. އެމެރިކާގައި މިހާރު ތަހުގީގު ކުރަމުން އަންނަނީ އެ ބައްދަލުވުންތަކުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގާފައި ވޭތޯ އާއި ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވަން ރަޝިޔާއިން މަސައްކަތް ކޮށްފައިވޭތޯއެވެ.

އެ ތުހުމަތުތަކަށް ޓްރަމްޕާއި ޕުޓިން ވެސް ކުރިއްސުރެ ގެންދަވަނީ އިންކާރުކުރައްވަމުންނެވެ.

" އެހުރިހާ ކަމަކީ ވެސް ޓްރަމްޕްގެ މަސަައްކަތްތައް ގާނޫނާ ހިލާފު ކަމަށް ދައްކަން ވެގެން އޭނާއާ އިދިކޮޅުމީހުން އުފައްދައިގެން އުޅޭ ކަންތަްއްތައް،" ޕުޓިން ވިދާޅުވި ކަމަށް ބީބީސީގެ ރިޕޯޓުގައި ވެެއެވެ.

ޓްރަމްޕަށް ތައުރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ އޭނާ ގިނަ ކަންތައްތަކެއް ހާސިލުކުރައްވާފައިވާ ކަމަށާއި އެހެން ނަމަވެސް ރަޝިޔާއާ ގުޅުން ރަނގަޅު ނުކުރެއްވުނު ކަމަށެވެ. އަދި ވިދާޅުވީ އެކަން ވެސް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.