ކުޅިވަރު

އެފްއޭއެމް އެވޯޑް ނައިޓް ހުށަހަޅާދޭނީ ނާއްޕެ އާއި މަރީ

Dec 14, 2017

އެފްއޭއެމް އާއި ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސް، މޯލްޑިވްސް ފުޓްބޯލް ގުޅިގެން ބާއްވާ "މޯލްޑިވްސް ފުޓްބޯލް އެވޯޑް"ގެ މިއަހަރުގެ ހޮސްޓުންގެ ގޮތުގައި ނާފިއު ރަޝީދު (ނާއްޕެ) އާއި މަރިޔަމް ވަހީދާ (މަރީ) ހަމަޖައްސައިފިއެވެ. އެފްއޭއެމް އެވޯޑް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.

އެފްއޭއެމްގެ އެވޯޑް ނައިޓް މަރީ ހުށަހަޅައިދޭއިރު މަރީއަކީ މިހާރު ރާއްޖޭގައި ބާއްވާ ބޮޑެތި ގިނަ އިވެންޓްތަކުގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ހުށަހަޅައިދޭ އެންމެންގެ މަގުބޫލު ފަރާތެކެވެ.

މިއަހަރުގެ އެވޯޑް ނައިޓުގައި ހުށަހަޅައިދޭ ނާއްޕެއަކީ ތަފާތު ގިނަ އިވެންޓްތަކެއް ހޯސްޓްކޮށްދީފައިވާ އަދި މިހާރުވެސް ހޯސްޓްކޮށްދެމުން އަންނަ ފަރާތެކެވެ. ކޮންމެ އަހަރަކުވެސް ފިތުރު އީދާ ގުޅިގެން ބައްވަމުން އަންނަ ބައިބަލާ މުބާރާތް ހުށަހަޅައިދީ ނާއްޕެ ވަނީ ހުށަހަޅައިދިނުމުގައި މަގުބޫލުކަން ހޯދާފަ އެވެ.

މީގެ އިތުރުންވެސް ނާއްޕެ ވަނީ ތަފާތު އެކި ކުޅިވަރު އިވެންޓްތަކާއި، ލައިވް އިވެންޓްތަކާއި، ޖަލްސާތަކުގެ އިތުރުން ވިޔަފާރި ބައެއް އިވެންޓްތައްވެސް ހުށަހަޅައިދީފަ އެވެ.

މިއަހަރުގެ އެވޯޑް ހަފުލާގައި "އެފްއޭއެމް އޮނަރަރީ އެވޯޑް" ގެ ނަމުގައި ދޭ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތިން ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މިއީ "މޯލްޑިވްސް ފުޓްބޯލް"ގެ ނަމުގައި އެފްއޭއެމުން ބާއްވާ ދެވަނަ އެވޯޑް ނައިޓެވެ. މިއަހަރު ގިނަ އެވޯޑްތަކެއް ދިނުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އެގޮތުން އެންމެ ރަނގަޅު ސަޕޯޓެއް ކުރި ސަޕޯޓަރުން ހިމެނޭ ޓީމަށް ދޭ "ބެސްޓް ސަޕޯޓާސް އެވޯޑް ހިމެނެއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެވޯޑް ހަފުލާތަކުގައި، ބިދޭސީ ކުޅުންތެރިންގެ އަގުވަޒަން ނުކުރާތާ ގިނަ އަހަރުތަކެއް ފާއިތުވެ ހިނގައްޖެ އެވެ. ނިއު އަށް ކުޅުނު ކޮންގޯގެ ޕެޓްރިކް ޗިކާޔާއަށް އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ފަހުން، ބިދޭސީ ކުޅުންތެރިޔަކަށް އެވޯޑް ދީފައެއް ނުވެ އެވެ. ނަމަވެސް މި އަހަރުގެ އެވޯޑްގައި އެފްއޭއެމުން ވަނީ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑްވެސް ހިމަނާފަ އެވެ.

މިއަހަރު ގިނަ އާ އެވޯޑްތަކެއް
- އެފްއޭއެމް އޮނަރަރީ އެވޯޑް
- އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ
- އެންމެ އުންމިދީ ކުޅުންތެރިޔާ
- ބެސްޓް ފޮރިން ޕްލެއާ އެވޯޑް
- އެންމެ މޮޅު ގޯލްކީޕަރު
- އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
- ޖޫލޭ އެވޯޑް (އެންމެ މޮޅު ގޯލްގެ އެވޯޑް)
- އެންމެ މޮޅު ކޯޗް
- ބެސްޓް ސަޕޯޓާސް އެވޯޑް

ޖޫލޭ އެވޯޑް ނުވަތަ އެންމެ މޮޅު ގޯލް އެވޯޑް ހާއްސަ ކޮށްފައިވަނީ ދިވެހި ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ޖެހި ކުޅުންތެރިޔާ މަރުހޫމް އަބުދުﷲ ރަޝީދު (ޖޫލޭ) އަށެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅުނު ޖޫލޭ، ގައުމީ ޓީމުގެ ފުރަތަމަ ގޯލް ޖަހާފައި ވަނީ، 1979 ވަނަ އަހަރު، ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައެވެ.