ހަބަރު

އަހަރުމެންގެ ކަންބޮޑުވުންތަކަށް ރާއްޖެ ވިސްނަން ޖެހޭ: އިންޑިއާ

Dec 15, 2017
24

ރާއްޖެއާ މެދު އިންޑީއާއިން ހުރި ކަންބޮޑުވުންތަކަށް ވެސް ދިވެހި ސަރުކާރުން އިސްކަމެއް ދޭން ޖެހޭ ކަމަށާއި އަދި އިންޑިޔާ އިސް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އިންޑިޔާ ސަރުކާރުން މިއަދު ބުނެފި އެވެ.

އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ އާއި ޗައިނާ ދެމެދު ސޮއި ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ޝްރީ ރަވީޝް ކުމާރު ވިދާޅުވީ ރާއްޖެ-ޗައިނާގެ ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރެވުނު ކަމާއި އަދި މަޖިލީހުން އެ ފާސް ކުރެވިގެން ދިޔަ ގޮތާ ބެހޭ ރިޕޯޓުތަކެއް އެ ގައުމަށް ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް މުޅި އެއްބަސްވުން ބަލާ ނުލެވޭ ކަމަށާއި އެހެންކަމުން އެ އެއްބަސްވުމާ ގުޅޭ ގޮތުން ވަކި އެއްޗެއް އަދި ވިދާޅުވާން ރަނގަޅެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރާއްޖެއާ ދެމެދު އޮންނަނީ އިންޑީޔާއިން ވަރަށް އިސްކަމެއް ދޭ ތާރީހީ ގުޅުމެއް ކަމަށާއި އެގޮތުން ރާއްޖޭގެ ޑިމޮކްރަސީއާއި ކުރިއެރުމާއި ހަމަޖެހުމަށް އިންޑީޔާއިން އެއްބާރުލުން ދިނުމުގައި ދެމިހުންނާނެ ކަމަށް ރަވީޝް ކުމާރު ވިދާޅުވި އެވެ. އެހެންކަމުން ގާތް އެކުވެރިއެއް އަދި އަވައްޓެރިއެއްގެ ހައިސިއްޔަތުން ރާއްޖެ ވެސް އިންޑިޔާގެ ކަންބޮޑުވުންތަކަށް އިސްކަމެއް ދީ އިންޑިޔާ އިސް ކުރާ ޕޮލިސީ ނޫނީ އިންޑިއާ ފަސްޓް ޕޮލިސީއަށް އަށް ރާއްޖެއިން އިސްކަން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރާވީޝް ކުމާރު ވިދާޅުވި އެވެ.

"ޗައިނާ އާއި ރާއްޖެ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން އަންނަ ނަމަ އަޅުގަނޑަށް ހީވަނީ އެކަމަށް މަރުހަބާ ކިޔަން ޖެހޭ ހެން،" ތަރުޖަމާނު ވިދާޅުވި އެވެ.

ދާދި ފަހުން ރައީީސް އަބްދުﷲ ޔާމީން ޗައިނާއަށް ކުރެއްވި ދަތުރު ފުޅުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، މިއީ އެކަމާ ގުޅޭ ގޮތުން އިންޑިޔާއިން ރަސްމީކޮށް ބަހެއް ބުނި މިއީ ފުރަތަމަ ފަހަރެވެ. އަދި އެ ދަތުރުފުޅުގައި ރާއްޖެއިން ވަނީ ޗައިނާގެ ރައީސް ޝީޖިންޕިންގެ އިސްނެންގެވުމުގެ މަތިން ގާއިމް ކުރާ ސިލްކް ރޫޓްގެ މަޝްރޫއުގައިވެސް ބައިވެރިވާން އެއްބަސްވެފަ އެވެ. އަދި މީގެ އިތުރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލައި ރިސާޗް ސެންޓަރެއް ގާއިމް ކުރުމުގެ އެއްބަސްވުމާ އެކު ޖުމްލަ 12 އެއްބަސްވުމެއްގައި ރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ.