ހަބަރު

ނޮޅިވަރަމްގައި މަހަށް ގޮސް އުޅުން ޒުވާނަކު މަރުވެއްޖެ

Dec 15, 2017
3

ހދ. ނޮޅިވަރަމްގައި ޒުވާނަކު ގެނބިގެން މަރުވެއްޖެ އެވެ. މި ހާދިސާގައި މަރުވީ އުމުރުން 21 އަހަރުގެ ހިތަށްފިނިވާގޭ އަހުމަދު މުހައްމަދު ނަމަކަށް ކިޔާ ޒުވާނެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު ހަވީރު 5:00 ހާއިރު ނޮޅިވަރަމް ކައިރިން މަހަށް ގޮސް އުޅުން ދޯންޏަކުން ޒުވާނަކު ގެނބުމުން އެ ސަރަހައްދުން ދިޔަ ކޯސްޓުގާޑު ލޯންޗެއްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި އެ ޒުވާނާ ގެނބިފައި ވަނީ އެން ހިފަން މޫދަށް އެރި އުޅެނިކޮށް ކަމަށް އެ ދޯނީގައި ތިބި މީހުންނާ ހަވާލާދީ އާޒިމް ވިދާޅުވި އެވެ.

"އެ މީހުން ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުނީ އަވަހަށް ހޮސްޕިޓަލަށް ގެންދަން، އެހެންވެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައިން،" އާޒިމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.