ދުނިޔެ

ގުދުސް މައްސަލައިގައި މުޒާހަރާ ކުރި ހަތަރުމީހަކު އިޒްރޭލުން މަރާލައިފި

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަނެފައި ވާތީ އެކަމާ ދެކޮޅު ހެދުމަށް އިއްޔެގައި މުޒާހަރާ ކުރި ފަލަސްތީނު މީހުންގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑި ޖަހައި ހަތަރު މީހުން މަރާލައި 150 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ.

ރޮއިޓާސް ބުނީ އިޒްރޭލުގެ ހަމަލާތަކުގައި މަރުވި ހަތަރު މީހުންގެ ތެރެއިން ދެމީހުންނަކީ ޣައްޒާގައި މުޒާހަރާކުރި ދެމީހެއް ކަަމަށެވެ. އަދި ބުނީ އޭގެ ތެރެއިން އެކަކީ ފުރޮޅުލީ ގޮނޑީގައި ނުކުތް ނުކުޅެދޭ މީހަކުވެސް ހިމެނޭ ކަމަށެވެ.

އަނެއް ދެމީހުންނަކީ ހުޅަނގު އައްސޭރީގައި ފަލަސްތީނުމީހުން ހިސާރު ކުރުމަށް އިޒްރޭލުން ބިނާކޮށްފައިވާ ފާރުގެ ކައިރިއަށް އެއްްވިމީހުންގެ ތެރެއިން ދެމީހެކެވެ.

ހަތަރު މީހުން މަރާލައި 150 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލުމަށް ފަހު އިޒްރޭލުން ބުނީ އެމީހުން ބަޑި ޖެހީ މުޒާހަރާއަށް ނުކުތްމީހުން ގާއުކީމާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުސްލިމުންނާއި ނަސޯރާއިންގެ ވެސް މުގައްދަސް ބިމެއް ކަމަށްވާ ގުދުސަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައި ގަންނަ ކަން އިއުލާނު ކުރައްވާފައެވެ. މިއީ އެމެރިކާއިން އެތައް އަހަރެއް ވަންދެން އެެރަށާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުމެކެވެ.

ޓްރަމްޕް އިއުލާނު ކުރެއްވި އަނެއް ކަމަކީ އިޒްރޭލު އުފެއްދި އިރު އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ތެލްއަވީވްގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށްް ފެށި ކަމެވެ. މި ދެކަންތަކަކީ ވެސް އެކަމާ ގުޅިގެން އިސްލާމީ ދުނިޔޭގެ އާއްމުންގެ މެދުގައި ބޮޑު ރުޅިވެރިކަމެއް އުފެދޭނެ ކަމެކެވެ.

އެފަދަ ބޮޑާ ނިންމުމާ އެކުގައި ވެސް ޓްރަމްޕް ވިދާޅުވީ އެ ނިންމެވުމަކީ މެދު އިރުމަތީގެ ސުލްހައަށް ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެެއް ކަމަށެވެ.

"..އެގައުމުގެ ވެރިރަށް ކަނޑައެޅުމުގެ ހައްގު މިނިވަން މުސްތަގިއްލު އެހެން ގައުމުތަށް ވެސް އޮންނަ ފަދައިން އެހައްގު އޮންނަ މިނިވަން ދައުލަތެއް އިޒްރޭލަކީ. މިހަގީގަތް ގަބޫލު ކުރުމަކީ ސުލްހަ ހާސިލުކުރުމަށް ޓަކައި ގަބޫލުކުރަން ޖެހޭ މުހިއްމު ޝަރުތެއް،" " ޓްރަމްޕް ހިތާބުގައި ޓްރަމްޕް ވިދާޅުވިއެވެ.