ހަބަރު

ސަފީރުންނާ ބައްދަލުކުރުން މަނާކުރީ ދާހިލީ މިނިވަންކަން ދަމަހައްޓަން: ހޯމް މިނިސްޓަރު

ހޯމް މިނިސްޓްރީން ހުއްދަ ނުނަގާ ބޭރުގެ ސަފީރުންނާ ބައްދަލުކުރުން ލޯކަލް ކައުންސިލްތަކަށް މަނާކުރީ ރާއްޖޭގެ ދާހިލީ މިނިވަންކަން ކަށަވަރުކުރަން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދުގައި ރޭ ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ކައުންސިލްތަކުން ވަކި ވަކިން ބޭރުގެ ސަފީރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ގައުމުތަކާ އެކު ރާއްޖޭން ދަމަހައްޓާ ގުޅުންތަކަށް ބުރޫ އަރައިފާނެ ކަމެއް ކަމަށެވެ. އެކަން އެހެން މެދުވެރިވެދާނެ ސަަބަބެއްގެ ގޮތުގައި މިނިސްޓަަރު ފާހަގަކުރެއްވީ ކައުންސިލްތަކަކީ ސިޔާސީ ގޮތުން އެކި ފިކުރުތަކަށް ބުރަވާ ތަންތަނަށް ވުމެވެ.

"...އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުތަކާ، ދާހިލީ ސިޔާސަތުތައް ފުށުނާރާ، އެއް ހަމައަކުން އެއްގޮތަކަށް، އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކަށް ލޮޅުން ނާރާފަދަ ގޮތަކަށް ކަންކަން ކުރިއަށްގެންދެވޭނީ ސަރުކާރުން ކަނޑައަޅާފައި ހުންނަ އުސޫލުތަކާ މިންގަނޑުތަކުގެ ތެރެއިން ކަންކަން ކުރިއަށްގެންދިޔައީމަ" މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައި އޮންނަ ލޯކަލް ގަވާނެންސް އޮތޯރިޓީ ( އެލްޖީއޭ) އިން މިދިޔަ ހަފުތާގައި ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކަށް އަންގާފައި ވަނީ ބޭރުގެ ސަފީރުންނާ ބައްދަލުކުރާ ނަމަ އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީން ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށެވެ. އެލްޖީއޭއިން އެ އެންގުން ކައުންސިލްތަކަށް ފޮނުވި ދުވަހު ގއ. އަތޮޅުކައުންސިލުން ވަނީ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކޮށްފައެވެ.

އެމައްސަލައިގައި އެލްޖީއޭއިން ވަނީ ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން، މުސާރައާއި އިނާޔަތްވެސް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑްކޮށްފައެވެ. އަދި އެކައުންސިލް ހިންގަން ހަވާލުކޮށްފައި ވަނީ ޒިންމާދާރުވެރިޔާއާއެވެ.


އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު ސޮއި ކުރައްވާ ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ފޮނުއްސި ސިޓީއެއްގައި ބުނެފައި ވަނީ ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އެހެން ވެސް ބޭރުގެ ޖަމާއަތްތަކާ ބައްދަލު ކުރަން ވާނީ އެލްޖީއޭގެ ހުއްދަ ނަގައިގެން ކަމަށް އެ އޮތޯރިޓީ އިން ނިންމައި އެކަން އަންގާފައި ވަނިކޮށް ގއ އަތޮޅު ކައުންސިލުން ބޭރު ގައުމެއްގެ ސަފީރަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ މެންބަރުން މުސާރައެއް ނުލިބޭ ގޮތަށް މިއަދުން ފެށިގެން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރާ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.

އެ މުއްދަތުގައި ކައުންސިލްގެ އެއްވެސް މެންބަރަކު ފަރުދީ ހައިސިއްޔަތުން ހިދުމަތެއް ހޯދަން ނޫން ގޮތަކަށް ކައުންސިލްގެ އިދާރާއަށް ވަނުމާއި އެތަނުގެ ލިޔެކިޔުންތައް ބޭނުން ކުރުމާއި އެއްވެސް ތަނެއްގައި ކައުންސިލް ތަމްސީލް ކުރުން އެ މެންބަރުންނަށް މަނާކަމަށް ވެސް އެލްޖީއޭއިން ވަނީ އަންގައިފަ އެވެ. އަދި ކައުންސިލްގެ ހުރިހާ ޒިންމާތަކެއް ޒިންމާދާރު ވެރިޔާ ނޫނީ އެ މަގާމު ވަގުތީ ގޮތުން އަދާކުރާ ފަރާތާ ހަވާލުކުރުމަށް ވެސް އެލްޖީއޭއިން ވަނީ ސިޓީގައި އަންގައިފަ އެވެ.

ގއ އަތޮޅު ކައުންސިލްގެ މެންބަރުން ބައްދަލުކޮށްފައި ވަނީ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ އެވެ. އެ ކައުންސިލްގެ ރައީސް އަހުމަދު ފުއާދު އިންޑިއާ ސަފީރާ އެކު ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވާ ވިދާޅުވެފައި ވަނީ، އެ އަތޮޅަށް ޒިޔާރަތް ކުރ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ބައެއްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށެވެ. އަދި ސަފީރު މިޝްރާ އެ އަތޮޅަށް ޒިޔާރަތް ކުރެއްވުމަކީ ލިބުނިު ފަހުރެއްކަމަށް ވެސް ފުއާދު ވަނީ ޓްވިޓާގައި ވިދާޅުވެފަ އެވެ.