ހަބަރު

މަސް ދޯނީގައި އައިސްޕްލާންޓް ބަހައްޓަން ލޯނު ދޫކުރަނީ

Dec 16, 2017
1

ދުނިޔޭގަ އަލަށް ތަރައްގީވަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށްވާ މަސް ދޯނީގަ އައިސް ޕްލާންޓް ބެހެއްޓުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށާއި އަދި އަންނަ ހަފްތާގައި މަސްވެރިން ބޭނުންނަމަ ދޯނީގައި އައިސްޕްލާންޓް ބެހެއްޓުމަށް ލޯނުގެ ފުރުސަތަށް ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ތިރީސް ހަތް ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާއެއްގަ ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ އައިސް ނުލިބުމުގެ މައްސަލަ އަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. އަދި އައިސް ޕްލާންޓް ދޯނީގަ ބަހައްޓާ ސިސްޓަމް މަސްވެރިންނަށް ކަމުނުދާނަމަ މަސްވެރިން ބޭނުން އެހެން ސިސްޓަމެއް ބެހެއްޓުމަށް އެ ލޯނަށް ކުރިމަތިލެވޭނެ ކަމަށެވެ.

މަސްވެރިންނަށް ދިމާވެފައިވާ އައިސް ނުލިބުުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިފްކޯއިން މިހާރުވެސް 12 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން، އަންނަ ޖޫންގެ ނިޔަލަށް ކޮންމެ އަތޮޅެއްގަ އައިސް ޕްލާންްޓެއް ހުންނާނެ،" ޝައިިނީ ވިދާޅުވި އެވެ.

މަސްވެރިންގެ އެހެނިހެން ކަންބޮޑުވުންތައް ހައްލުކޮށް ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތަކުގައި "ބެޔަސް ނުބެޔަސް 10،000 ރުފިޔާ" ނުހިމެނޭ ކަމަށެވެ. އަދި އެކަމަކީ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މި ސަރުކާރު އައި ފަހުން ބައިނަލްއަގްވާމީ ބާޒާރުގަ މަސްވެރިކަމުގެ ރޮނގުން ރާއްޖެ ކުރިއަރާފައިވާ މިންވަރު ފާހަގަކޮށް ޝައިނީ ވިދާޅުވީ މި ސަރުކާރު އައިއިރު ބައިނަލްއަގްވާމީ ބާޒާރުގަ މަސްވެރިކަމުގެ އަގުއޮތީ ވަރަށް ބޮޑަށް ވެއްޓިފަ ކަމަށެވެ. އަދި އެކަމުން މަސްވެރިންނަށް މާބޮޑު ލޮޅުމެއް އަޔަނުދީ ސަރުކާރުން އެކަމުން އަރައިގަތީ ޔޫރަޕް މާކެޓަށް 20 ޕަސަންޓާއި 30 ޕަސަންޓާ ދެމެދުގެ ޓެކްސް އެއް ދައްކަމުން ކަމަށެވެ. އަދި އެކަމުން އަރައިގަނެވުނީ ސަރުކާރުގެ ސިސްޓަމްގެ ވަރުގަދަ ކަމުން ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް އޮންނަ ގައުމެއް، މި ސަރަހައްދުގެ 18 ވަރަކަށް ގައުމު ގޮވައިގެން މަސްވެރިކަމުގެ އިސްސަފުގައި ރާއްޖެއިން މިހާރު އަންނަނީ ހަރަކާތްތެރިވަމުން،" ޝައިނީ ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަ ކުރަމުން ދިޔައިރު އެރަށު ކައުންސިލަށް ޝައިނީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޝައިނީ ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކޮށް އެރަށު މަސްވެރިންނަށް ލިބެން އޮތް ފަހުރެއް ކައުންސިލްގެ ސަބަބުން ގެއްލިގެން ދިޔަ ކަމަށެވެ.

ޝައިނީ ވިދާޅުވީ އެ ޖަލްސާ ބޭއްވުމަށް އަދި މަސްވެރިންގެ ދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ކައުންސިލްގެ އެހީތެރިކަމެއް ނެތި އިހަވަންދޫގައި ތިބި ޕީޕީއެމް މެންބަރުންނާއި އެރަށުގެ ރައްޔިތުން ގުޅިގެން ކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ކައުންސިލުން ތައްޔާރުކުރި ގިޑިގެތައް ފުލުހުން ވަނީ ނަގަން އަންގާފަ އެވެ. އަދި ޖަލްސާ ކުރިއަށް ދިޔައިރު މަސްވެރިން ދިޔައީ އިހުތިޖާޖް ކުރަމުންނެވެ.