ހަބަރު

ވިލާ ޓްރޭޑް ސެންޓަރުން ވައްކަން ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

Dec 17, 2017
2

އަމީނީ މަގުގައި ހުންނަ ވިލާ ޓްރޭޑް ސެންޓަރު 5 ގެ ތިޖޫރި ފަޅާލައި އެތަނުން ވައްކަން ކުރަން އުޅުނު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ރޭ ފަތިހު ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހަކު ހައްޔަރު ކުރީ އަމީނީ މަގުގައި ހުންނަ ވިލާ ޓްރޭޑް ސެންޓަރުގެ އޮފީސް ތެރެއިން ކަމަށާއި އެ މީހުން ހައްޔަރު ކުރި އިރު ތިބީ ތިޖޫރި ފަޅާލުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ހަތަރު ވަނަ މީހާ ހައްޔަރު ކުރީ އެ އޮފީހުގެ ބޭރުގައި ފާރަލާން ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ނަން އާންމު ނުކޮށް ފުލުހުން ބުނީ، ހައްޔަރުކޮށްފައި ވަނީ 23 އަހަރާއި 27 އަހަރާއި 33 އަހަރު އަދި 35 އަހަރުގެ ބަޔަކު ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ފަތިހުގެ ވަގުތު މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުން ކަމަށެވެ.