ހަބަރު

އުމަރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދޭނަން: ހަސަން ލަތީފް

Dec 17, 2017
21

ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދޭނެ ކަމަށް އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާ އެކު އިއްތިހާދުވެފައިވާ ޖޭޕީއަށް އުމަރު ސޮއިކުރުމާ ގުޅިގެން ކޯލިޝަންގެ އެންމެ ބޮޑު ޕާޓްނަރު އެމްޑީޕީގެ މެންބަރުން އެކަމާ ހިތްހަމަ ނުޖެހި އަންނަނީ ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރުތައް ފާޅު ކުރަމުން އެވެ. އާންމު މެންބަރުންގެ ޝުއޫރުތަކާ ގުޅުވައި ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ހަލާކުކޮށްލުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެކަން ކުރުމުގެ މަގުސަދުގައި އުމަރު ނަސީރު އެ ޕާޓީއާ ވައިވެސް އެޅުނަ ނުދެއްވާނެ ކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ.

އުމަރު ޖޭޕީއާ ގުޅިވަޑައިގަންނަވާކަން އާންމު ކުރެއްވުމާ އެކު މީގެ ކުރިން ވެސް ހަސަން ލަތީފު ވަނީ އުމަރުގެ އެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ކުރިމަތި ނުލެއްވޭ ނަމަ، ޖޭޕީގެ ރިޔާސީ ޓިކެޓްގައި ނިކުންނަވަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވުމުން ހަސަން ލަތީފު ވަނީ، އުމަރު އެ ނިންމެވުން ނިންމެވުމުގެ ކުރިން ޖޭޕީގެ އަސާސީ ގަވާއިދު ބެލިންތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އަސާސީ ގަވާއިދު ބުނާ ގޮތުން ޖޭޕީގެ ރިޔާސީ ޓިކެޓަކީ އެ ޕާޓީގެ ލީޑަރަށް ލިބޭ ގޮތަށް އޮންނަ އެއްޗެއްކަން ހަސަން ފާހަގަ ކުރައްވާފައިވެ އެވެ.

އުމަރު ޖޭޕީއަށް ގުޅުމާ އެކު، ޖޭޕީއާ އެކު އެމްޑީޕީއިން ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ވެސް އަންނަނީ ގޮވާލަމުން އެވެ. އަދި އުމަރު ޖޭޕީއަށް އައީ އިދިކޮޅު އިއްތިހާދު ރޫޅާލުމުގެ ބޭނުމުގައި ކަމަށް ވެސް އަންނަނީ ތުހުމަތު ކުރަމުން އެވެ. އެކަމާ ގުޅިގެން އުމަރު މިހާތަނަށް އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް އުމަރު ޖޭޕީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އުމަރު ޖޭޕީއާ ގުޅުމަކީ އިއްތިހާދު އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ. އަދި އުމަރު ވިދާޅުވަނީ ޖޭޕީ ވާން ޖެހޭނީ އެހެން ޕާޓީތަކަށް ގުލާނު ނުކޮށް ސިޔާސީ މައިދާނުގައި ވަރުގަދަ ޕާޓީއަކަށް ކަމަށެވެ. އެ މަސައްކަތްތައް ކުރުމުގައި އޭނާ ދެމި ހުންނާނެ ކަމަށް އެ ދުވަހު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން އުމަރަށާއި ޖޭޕީއަށް އަމާޒުވެފައިވާ އިރު ގާސިމް ވަނީ އުމަރުގެ ނިންމުން ދިފާއު ކުރައްވައިފަ އެވެ. ޖަރުމަނުގައި ހުންނަވައިގެން ގާސިމް ވިދާޅުވީ އުމަރާ މެދު ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.