ހަބަރު

މަޖީދީ މަގު ހަދާ ނިންމައިފި

މާލޭ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަދަން ފެށި މަޖީދީ މަގުގެ މަސައްކަތް ނިންމައިފި އެވެ.

މަގުތައް އެއްވަރުކޮށް އަލުން ގާތައް އަތުރާ، ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަޖީދީ މަގު ހަދަން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ހައުސިން މިނިސްޓްރީން އޭރު އަމާޒު ހިފީ 12 ބަޔަކަށް ބަހާލައިގެން މި އަހަރުގެ ފެބްރުއަރީއަށް މަސައްކަތް ނިންމާލުމަށެވެ. ނަމަވެސް މަގު ހަދަން ފެށުމާ އެކު އެއަށް ބައެއް މަސައްކަތްތައް އިތުރުވުމާ ގުޅިގެން، މަސައްކަތް ދިގުލައިގެން ގޮސް ކަނޑައެޅިފައިވާ ތާރީހަށް ނުނިންމުނެވެ.

މަޖީދީ މަގުގެ އިތުރުން މާލޭގެ އިތުރު 12 މަގެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކުރިޔަށް ގެންދަން ނިންމާފަ އެވެ. އެގޮތުން އަމީނީ މަގާއި، ޝަހީދު އަލީ ހިނގުމާއި، އިއްޒުއްދީން މަގާއި ، ކަނބައައިސާރަނި ހިނގުމާއި، އޯކިޑު މަގާއި ޗާންދަނީ މަގާއި ލިލީ މަގު އަދި ބުރުޒު މަގު ހަދަ އެވެ. އޭގެ އިތުރުން ހަވީރީ ހިނގުމާއި ހަނދުވަރީ ހިނގުމާއި ލޮނުޒިޔާރަތް މަގާއި އަމީރު އަހުމަދު މަގު ހެދުމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އެގޮތުން އެ މަގުތަކުގައި ވެސް ޒަމާނީ ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި ކޭބަލް އަޅަން މުޅި މަގުތައް ކޮންނަން ނުޖެހޭ ގޮތަށް ޒަމާނީ ކޭބަލް ޖަންގްޝަންތައް ގާއިމް ކުރުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ދުވާރު އަލުން ރިޑިޒައިން ކުރުމުގެ އިތުރަށް މަގުތައް އަލުން ލެވަލްކޮށް މިހާރު އަތުރާފައި ހުރި ގާތައް އެކީ ބަދަލު ކުރާނެ އެވެ.

ހައުސިން މިނިސްޓްރީން އިން ކުރިން ބުނެފައިވާ ގޮތުން މުޅި މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ އެވެ. ނަމަވެސް މި މަޝްރޫއަށް ކިހާ ހަރަދެއް ހިނގާ ކަމެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.