ހަބަރު

ކުޅި ހިއްކާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ: ދައުލަތް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށުގެ އުތުރު ކޮޅުގައި އޮންނަ ބޮޑު ކުޅީގެ ބައެއް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހިއްކާތީ އެކަން ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރަން ވަކާލާތުކުރާ އިކޯކެއާއިން ސިވިލް ކޯޓަށް މައްސަލަ ވެއްދީ ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ދޫކޮށްފައިވާ އެންވަޔަރަމެންޓަލް ޑެސިޝަން ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ
ޝަރުތުތައް ފުރިހަމަ ނުކޮށް، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައިވާތީ ކަމަށް ބުނެ އެވެ.

މިއަދު ބޭއްވި މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އިޖުރާއީ ނުކުތާއެއް ނެގި އެވެ. ދައުލަތުން ފާހަގަކުރީ، އެ މައްސަލަ ބެލުމުގެ އިހްތިސޯސް ސިވިލް ކޯޓަށް ނެތް ކަމަށާއި އެކަމުގެ އިހްތިސޯސް އޮތީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. މީގެކުރިން ކުޅުދުއްފުށީ ކޯޓަށް އަމިއްލަ މީހަކު އެ މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ދައުވާ ފޯމް ފުރިހަމަ ނުވާ ކަމަށް ބުނެ އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލި އެވެ.

ދައުކަތުން އިޖުރާއީ ނުކުތާއެއް ނަގާފައިވާތީ، އެކަމަށް އީކޯކެއާ ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމެއްގައި ފުރުސަތު ދޭނެ ކަމަށް ބުނެ މިއަދު އަޑުއެހުން ވަނީ ނިންމާލާފަ އެވެ.

މައްސަލާގައި އެދިފައިވަނީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފިޔަވަޅުތައް އެޅުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އޭގެއިތުރުން މައްސަލާގައި ހުކުމެއް އިއްވެންދެން އެއާޕޯޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓްއާ ގުޅިގެން އެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ތަނާއި ސަރަހައްދުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެ މަސައްކަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އެންގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފަ އެވެ. ކޯޓުގައި މައްސަލަ ހިނގަމުންދާއިރު، ކުޅީގެ ބައެއް މިހާރު ވަނީ ހިއްކާފަ އެވެ. އަދި އެ މަސައްކަތް ބާރުސްޕީޑްގައި ދަނީ ކުރިއަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހިއްކަނީ ދެ ސަރަހައްދެކެވެ. އެއީ މޫދުގެ ސަރަހައްދަކާއި ކުޅީގެ ސަރަހައްދެކެވެ. ޖުމްލަ 15 ހެކްޓަރު ހިއްކާއިރު، އެއީ ކުޅިން ނުވަ ހެކްޓަރު ބިމާއި މޫދުން ހަ ހެކްޓަރު ބިމެވެ. އެ ކުޅި ހިއްކާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ސިޔާސީ ލީޑަރުން ވެސް އެކަމާ ދެކޮޅަށް އަޑު އުފުއްލެވި އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ތަރައްގީ ރައްޔިތުން ބޭނުންވާ ކަމަށާއި ތަރައްގީ ނުހުއްޓުވޭނެ ކަމަށެވެ. ކުޅި އެއްކޮށް ނުހިއްކާނެ ކަމަށާއި ހިއްކާނީ ކުޅީގެ 30 ޕަސެންޓް ކަމަށް ވެސް ބުނެފައިވެ އެވެ.