ހަބަރު

ހަކަތައާ ބެހޭ ތަފާސް ހިސާބު ހިމެނޭ ފޮތެއް ނެރެފި

ރާއްޖޭގެ ހަކަތައިގެ ދާއިރާއާ ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތެއް މިއަދު ނެރެފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017″ ނެރެދެއްވީ އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އެ ފޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މައުލޫމާތުތަކާއި ހަކަތައިގެ ދާއިރާގެ ތަފާސްހިސާބުތައް ހިމެނެ އެވެ. އަދި ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ކަރަންޓު އުފައްދައި ބޭނުންކުރެވުނު މިންވަރުގެ މައުލޫމާތުގެ ވެސް ހިމެނެ އެވެ. މީގެ އިތުރުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ވެސް އެފޮތުގައި ހިމެނެ އެވެ.

އެ ފޮތުގައި ހިމެނޭ ތަފާސްހިސާބުތަކުގައިވާ ގޮތުން، 2016 ވަނަ އަހަރު 445,036 މެޓްރިކް ޓަނުގެ ޑީސަލާއި 47,794 މެޓްރިކް ޓަނުގެ ޕެޓްރޯލާއި 30,611 މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭހުގެ އިތުރަށް 13,619 މެޓްރިކް ޓަނުގެ ކެއްކުމަށް ބޭނުންކުރާ ގޭސް ވަނީ ރާއްޖެއަށް އެތެރެކޮށްފަ ކަމަށެވެ. އަދި 2016 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ 628 ގިގަވޮޓްއަވަރގެ ކަރަންޓު ހަކަތަ ބޭނުންކޮށްފައިވާއިރު އޭގެ ތެރެއިން 59.8 އިންސައްތަ ބޭނުންކޮށްފައިވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި މިހާ ރަނގަޅަކަށް ތަފާސް ހިސާބުތައް ބެލެހެއްޓިފައެއް ނުވަތަ ޕަބްލިޝް ކުރެވިފައެއް ނުވާ ކަމަށާއި މި ސަރުކާރުން މިކަން ކުރާނީ ސަރުކާރުގެ ބޭނުމަށާއި ރާއްޖޭގައި ހަކަތައިގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކަށް ފަސޭހައަކަށް ނުވަތަ މައުލޫމާތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ވަނީ ހަތަރު މެގަވޯޓްގެ އިއާދަކުރަނިވި ހަކަތަ އުފައްދާފައި ކަމަށާއި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި 7.45 މެގަވޯޓްގެ ހަކަތަ ޖަހަމުންދާ ކަމަށެވެ.

"މި ފޮތުގެ ސަބަބުން ޕްރައިވެޓް އަދި ޕަބްލިކް ދާއިރާ އިން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު މައުލޫމާތެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާއާ ބެހޭ މައުލޫމާތު ހިމެނޭ ގޮތައް ނެރުނު ފުރަތަމަ ފޮތަކީ "އެނަރޖީ އައުޓްލުކް ފޮރ އިންހެބިޓެޓް އައިލެންޑް 2013" އޭގެ ދެވަނަ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2016" ނެރެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެވެ. އަދި "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017″ އަކީ މިސިލްސިލާގެ ތިން ވަނަ ފޮތެވެ.