ހަބަރު

ގއ. އަތޮޅު ކައުންސިލަރުން ސަސްޕެންޝަން އުވާލަން ގޮވާލައިފި

ގއ. އަތޮޅު ކައުންސިލް މެންބަރުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ގޮވާލައިފި އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގއ. އަތޮޅު ކައުންސިލް މެންބަރުން ސަސްޕެންޑު ކުރީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުމާ ގުޅިގެނެވެ. އެގޮތުން ހުރިހާ މެންބަރުން ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު އިއްތިހާދުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންތިހާބުކޮށްފައިވާ ކައުންސިލެއް ސަސްޕެންޑް ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް އެލްޖީއޭއަށް ލިބިގެން ނުވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުން އަދި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ބައެއް ކަމަށާއި އެހެންކަމުން އެއްވެސް ޖަމާއަތަކާއި ނުވަތަ ވަކި ފަރުދަކާ ބައްދަލު ކުރުމަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް އެލްޖީއޭގެ އަމަލުތައް ހުރީ ގާނޫނާއި ހިލާފަށް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ހުއްޓުމަކަށް ގެނައުމަށް ކަމަށާއި އެއީ ސީދާ ރައްޔިތުންނަށް ބިރު ދެއްކުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލައި، ސިޔާސީ ބޭނުމަކަށްޓަކައި ވަކި ފަރާތެއްގެ މުށު ތެރެއަށް ހުރިހާ ބާރެއް އެއްކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

އިދިކޮޅު އިއްތިހާދުން ބުނީ ސަފީރުން ރާއްޖޭގެ ރަށްތަކުގެ ހާލަތު ބެލުމަކީ ގިނަ މަންފާތަކެއް އެ ރަށްތަކަށް ލިބޭ ކަމަށާއި އެގޮތުން ބޭރުގެ އެކި ޖަމިއްޔާތަކާއި ވެސް ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން އެފަދަ ގުޅުންތައް ބަދަހިކުރުމަށް ފުރުސަތު ދިނުމަކީ ގާނޫނު އަސާސީ އިން ސަރުކާރަށް ލާޒިމު ކުރާ ކަމެއް ކަމަށާއި އެފަދަ ދޮރުތައް ބަންދުކުރުމަކީ ސަރުކާރުގެ ހުދުމުހުތާރު އަމަލެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން ގއ. އަތޮޅު ކައުންސިލްގެ މެންބަރުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.