ދިވެހި ރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަކަށް ހުޅުވިގެން ކަމަށާއި އެގޮތަށް ކަންތައް ނުކުރެއްވުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށާއި ސަރުކާރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލިސް ހިސޯރުކޮށް، މެންބަރުން މަޖިލީހަށް ވަނަނުދީ ހިފެހެއްޓުމަށްފަހު ރާއްޖޭގެ އަވައްޓެރި ގައުމުތަކުން ކަންބޮޑުވެ، ނުތަނަވަސްވާނޭ އެންމެހާ ކަންކަން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއީ ހަނގުރާމައިގެ ނުރައްކަލުގެ ތެރެއަށް ރާއްޖެ ހުޅުވިގެންދާ ކަމެއް ކަމަށާއި އެފަދަ ކަންކަން ނުުރެއްވުމަށް ރައީސް ޔާމީނަށާއި ސަރުކާރަށް ރާއީސް ނަޝީދު ގޮވާލާފައި ވެއެވެ.
ރައީސް ނަޝީދު އެގޮތައް ވިދާޅުވިިރު، ފޮރިން މިނިސްޓަރު، މުހައްމަދު އާސިމް ވަނީ ވިދާޅުވީ، ރާއްޖެ- ޗައިނާ މިނިވަން ވިޔަފާރި ނޫނީ، އެފްޓީއޭގެ ސަބަބުން ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ގުޅުމަކަށް ވެސް އަދި އެހެން ގައުމުތަކާ އެކު އޮންނަ ހާރިޖީ ގުޅުމަކަށް ވެސް ބުރުލެއް ނާރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަނީ ޒަމާންވީ މުޅިން ތަފާތު ގުޅުމެއް ކަމަށެވެ. އަދި އެ ގައުމާ އެކުވެސް ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ރާއްޖެއިން މަސައްކަތް ކުރާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކާރިސާތަކުގެ ހާލަތުގަ އާއި ސިއްހީ، އަސްކަރީ އަދި ތައުލީމީ ދާއިރާއިން އެ ގައުމާ އެކު އޮންނަ ގުޅުންތައް ރާއްޖެއިން ބަދަހި ކުރާނެ ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މި ސަރުކާރުން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅިގެން އިންޑިއާގެ ސަރުކާރުން ބުނީ، ރާއްޖެއާ މެދު އިންޑީއާއިން ހުރި ކަންބޮޑުވުންތަކަށް ވެސް ދިވެހި ސަރުކާރުން އިސްކަމެއް ދޭން ޖެހޭ ކަމަށާއި އަދި އިންޑިޔާ އިސް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނަމަވެސް ރާއްޖެއާ ދެމެދު އޮންނަނީ އިންޑީޔާއިން ވަރަށް އިސްކަމެއް ދޭ ތާރީހީ ގުޅުމެއް ކަމަށާއި އެގޮތުން ރާއްޖޭގެ ޑިމޮކްރަސީއާއި ކުރިއެރުމާއި ހަމަޖެހުމަށް އިންޑީޔާއިން އެއްބާރުލުން ދިނުމުގައި ދެމިހުންނާނެ ކަމަށް އިންޑިއާއިން ބުންޏެވެ.