ވިޔަފާރި

އެމްޓީސީސީގެ ފައިދާ މި އަހަރުގެ ފުރަތަމަ ކުއާޓާގައި 118 ޕަސެންޓް އިތުރު ވެއްޖެ

އެމްޓީސީސީގެ ފައިދާ މި އަހަރުގެ ފުރަތަމަ ކުއާޓާގައި 118 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަސް ދުވަހު) ގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 53.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 24.46 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ހިއްސާއަކަށް ޖެހޭ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 65.95 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 166.63 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދު ރައްޒާގު ހަލީމް ވިދާޅުވީ އެ ކުންފުނިން މި އަހަރު 40 ޕްރޮޖެކްޓެއް ހިންގަމުންދާ ކަމަށާއި، މި މަޝްރޫއުތަކުގެ އަދަދު 1.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"މި ކުއާޓާގައި އަޅުގަނޑުމެންވާނީ ތިން ޕްރޮޖެކްޓެއް ނިންމާ ހަވާލުކޮށްފަ، އިތުރު ޕްރޮޖެކްޓްތަކެއްގައި ސޮއިކޮށްފަ،" ހަލީމް ވިދާޅުވި އެވެ.