ހަބަރު

ރިޒާވް އަޑިއަޅާލީ ދަރުމަވަންތަ ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހުމުން

Dec 18, 2017
10
  • ރިޒާވް ހަތަރު ޕަސެންޓް ދަށްވެ، 519 މިލިއަން ޑޮލަރަށް
  • އެތެރޭގެ ދަރަނި 25.5 ބިލިއަން ރުފިޔާއަށް އަރާ
  • ދަރަނި ދެއްކުމަށް 1.5 ބިލިއަން ރުފިޔާ ހަރަދުކުރި

ރާއްޖޭގެ ރިޒާވަށް އަސަރުކޮށްފައިވާ ސަބަބަކީ ދަރުމަވަންތަ ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހުމުން ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތިންވަނަ ކުއާޓަރުގެ ބްލެޓިންގައި ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ "މި އަހަރުގެ ތިންވަނަ ކުއާޓަރާގެ ބްލެޓިން" ގައިވާ ގޮތުން، ތިންވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 519.4 މިލިއަން ޑޮލަރެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ހަތަރު ޕަސެންޓްގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ޔޫޒަބަލް ރިޒާވްގެ ގޮތުގައި ތިން މަސް ނިމުނު އިރު، ހުރީ 191.9 މިލިއަން ޑޮލަރެވެ. އަދި މި މުއްދަތުގައި ޔޫޒަބަލް ރިޒާވަށް އަސަރު ކުރި މައިގަނޑު ސަބަބަކީ އައިޖީއެމްއެޗްގެ 25 ބުރީގެ ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހުން ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ދަރަނިތައް ދެއްކުމަށް ކުރަން ޖެހުނު ހޭދަތައް ބޮޑުވެގެން ދިޔުމާއި ބޭރުގެ ފައިސާގެ މާކެޓް ހަމަޔަކަށް އެޅުވުމަށް ބޭންކްތަކަށް ޑޮކަރު ދޫކުރި އަދަދު އިތުރުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޒަމާނީ ވަސީލަތްތަކާއެކު ސަރުކާރުން އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ޝެންހުއާ ކޮންސްޓްރަކްޝަން" އަށް 140 މިލިއަން ޑޮލަރަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން 818 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މި ފައިސާ ބަޖެޓުގައި ހިމަނާފައިވަނީ މި ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ފުރިހަމަ ކުރުމަށެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތް ފަރުމާކޮށްފައިވަނީ ހަ ބުރި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރަކަށެވެ. އަދި މީގެ އިތުރުން ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރާ ގޮތަށް މިތަން ވަނީ ފަރުމާކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ރޭޑިއޭޝަން ނުފެތުރޭ ގޮތަށް "ޝީލްޑް" ކުރުމާއި ސިއްހީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމެއް މިތަނުގައި ހުންނާނެ އެވެ. މީގެ އިތުރުން މި އިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓަކާއި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ އިތުރުން ސްވިމިން ޕޫލެއް ވެސް ހުންނާނެ އެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުގައި، ސަރުކާރުން ވިއްކާފައިވާ ބޮންޑާއި ނަގާފައިވާ ލޯނުތަކާ އެކު އެތެރޭގެ ދަރަނީގެ ޖުމްލަ އަކީ ސެޕްޓެމްބަރު މަސް ނިމުނު އިރު 25.5 ބިލިއަން ރުފިޔާ އެވެ. އެއީ ދެވަނަ ކުއާޓާއަށް ވުރެ ދަށް އަދަދެކެވެ. އެގޮތަށް ދިމާވީ ސަރުކާރުން ދަރަނި ދެއްކުމަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާތީ އެވެ. އޭގެ ކުރިން، 2016 ވަނަ އަހަރުގެ އެ މުއްދަތުގައި ހަރަދު ކުރީ 474.4 މިލިއަން ރުފިޔާ އެވެ.