ހަބަރު

ގާސިމްއާ ބައްދަލު ކުރަން ޖަމީލާއި އަލީ ވަހީދު ޖަރުމަނަށް

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު މިހާރު ޖަރުމަނުގައި އުޅުއްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވުމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އާއި އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަލީ ވަހީދު އެ ގައުމަށް ފުރާ ވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ޖަމީލާއި އަލީ ވަހީދު ޖަރުމަނަށް ވަޑައިގަތީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ގާސިމްއާ މަޝްވަރާ ކުރެއްވުމަށެވެ. ނަމަވެސް އެ ދަތުރުފުޅާ ގުޅޭ ގޮތުން އަލީ ވަހީދާއި ޖަމީލު ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ގާސިމްއާ ބައްދަލު ކުރުމަށް ޖަމީލާއި އަލީ ވަހީދު ޖަރުމަނަށް ފުރާވަޑައިގެންނެވި އިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ޖަމީލާއާ މަޝްވަރާތައް ކުރައްވައިފަ އެވެ. އަދި އެއަށް ފަހު ރާއްޖެ ވަޑައިގެން އުމަރު ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.

ޖޭޕީއާ އުމަރު ގުޅިވަޑައިގަތުމުން އިދިކޮޅު އެމްޑީޕީގެ ފާޑު ކިޔުންތައް އެމަނިކުފާނަށް އަމާޒުވެފައިވީ ނަމަވެސް ޖަމީލާއި އަލީ ވަހީދު އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި ގާސިމް ވެސް ވަނީ އުމަރަށް ފާޑު ވިދާޅުނުވުމަށް ޖޭޕީގެ ލީޑާޝިޕުގެ މެންބަރުންނަށް އަނގައިފަ އެވެ.