ހަބަރު

މިއީ ރާއްޖެއަށް އިންވެސްޓު ކުރަން އެންމެ ފަހި ވަގުތު: ޖިހާދު

މި ދުވަސްވަރަކީ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓު ކުރަން އެންމެ ފަހި ވަގުތު ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހަތަރު ވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށްދެއްވައި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް ކަމާބެހޭ ގާނޫނީ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އިންވެސްޓަރުންނާއެކު ހެދޭ އެއްބަސްވުންތައް ވިޔަފާރީގެ ބައިވެރިންނަށް މަންފާ ލިބެނި ވިގޮތަށް ބައްޓަން ކުރެވިފައިވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން މަސައްކަތްތައް ފާހަގަކޮށްލަމުން ޖިހާދު ވިދާޅުވީ، މިވަގުތަކީ ރާއްޖެއަށް އިންވެސްޓުކުރުމަށް އެންމެ އެކަށީގެންވާ ފަހި ވަގުތު ކަމަށެވެ.

ޖިހާދު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ރާސްތާ އޮތީ ވަރަށް އުޖާލާކޮށް ކަމަށާއި ބައިނަލްއަގުވާމީ މާލީ ރިޕޯޓުތަކަށް ބަލާއިރު ރާއްޖެ މިހާރު އިގުތިސާދީގޮތުން ކުރިއަރަމުންދާ މިންވަރު ހާމަކޮށްދޭ ކަމަށެވެ. އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސްއަކީ ދެ ގައުމުގެ ވިޔަފާރިއަށް މުހިންމު ބައިވެރިއެއް ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމް މިއަހަރު ބޭއްވީ ޔޫއޭއީގެ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގަ އެވެ. އެއީ ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިން އިންވެސްޓްކުރުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދަވާ ފޯރަމެކެވެ.