ހަބަރު

އަނަސް މައްސަލާގައި ޕީޖީއިން ހުށަހެޅީ ބަލިކަށި ހެކިތަކެއް: ވަކީލުން

ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ދައުވާ އުފުލާފައިވާ ހަތް މީހުންނާ ދެކޮޅަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަކީ "ބަލިކަށި" ހެކިތަކެއް ކަމަށް ބުނެ، އެ ހެކިތަކާ ގުޅޭ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ސުވާލު އުފައްދައިފި އެވެ.

އަނަސް މަރާލި މައްސަލާގެ އިބްތިދާއީ ދެވަނަ އަޑުއެހުން މިއަދު ކުރިއަށް ދިޔައިރު، މި މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް މީހުންގެ މައްސަލަ ކުރިއަށް ދިޔައީ އެއްކޮށްލައިގެން އެއް އަޑުއެހުމެއްގަ އެވެ. މިއަދުގެ އަޑުއެހުމުގައި ޕީޖީއިން ވަނީ، ހަތް މީހުންނަށް ކުރާ ދައުވާ އިއްވާފަ އެވެ.

އެގޮތުން ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ހަތަރު މީހުންގެ މައްޗަށް ކޮށްފައިވަނީ އަނަސް، ސައިކަލެއް މަތީ އިންދާ، އެތަނަށް ހަތަރު ސައިކަލްގައި އައިއިރު އެ ހަތަރު މީހުން ވެސް އެ ސައިކަލްތައް ދުއްވަން ތިބީމަ އެވެ.

ލިޓަސް ސާވިސް ތެރެއަށް ވަދެ، އަނަަސްއަށް ހަމަލާދިނީ، އެ ހަތަރު މީހުންގެ ސައިކަލް ފަހަތުގައި ތިބި މީހުން ކަމަށާއި އަނަސްއަށް ހަމަލާދިނުމަށްފަހު އެ މީހުން އަރައިގެން ދިޔައީ ވެސް އެ ސައިކަލްތަކުގަ ކަމަށް ދައުވާގައިވެ އެވެ. ދައުވާއަށް ހަތަރު މީހުން ވެސް އިންކާރު ކުރި އެވެ. މިއަދުގެ އަޑުއެހުމަށް ޗުއްޓީގައި ހުރުމުން މަހްފޫޒްގެ ވަކީލް ހާޒިރެއް ނުވެ އެވެ. އެހެންވެ، ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން މިއަދު ވާހަކައެއް ނުދައްކަ އެވެ.

މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާން އާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އެމީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަދުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީފައިވާތީ އެވެ. އަދި އެ ހަމަލާތަކުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަނަސް މަރުވެފައިވާތީ އެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުވާނަމަ އަންނަނީ މަރުގެ ހުކުމެވެ. ތިން މީހުން ވެސް ވަނީ ގަސްދުގައި އަނަސް މަރާލި ކަމަށް އިންކާރުކޮށްފަ އެވެ. މިއަދުގެ އަޑުއެހުމަށް ސަސްޕެންޑްގައި ހުރުމުން އުސްމާނުގެ ވަކީލު ހާޒިރެއް ނުވެ އެވެ. އޭނާ ވެސް ދައުވާއާ ގުޅޭ ގޮތުން ވާހަކަ ނުދައްކަ އެވެ.

ވަކީލުން ހާޒިރުނުވެ ތިބި ދެ މީހުން ފިޔަވައި، އެހެން މީހުންގެ ވަކީލުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަކީ އެ މައްސަލަ ކުރިއަށް ގެންގޮސް، ބައެއްގެ މައްޗަށް ކުށް ސާބިތުކުރެވޭނެ ވަރުގެ ހެކިތަކެއް ނޫން ކަމަށެވެ.

މައްސަލާގައި ޕީޖީގެ ފަރާތުން ޖުމްލަ ނުވަ ސިއްރު ހެއްކެއް ހުށަހެޅި އެވެ. އޭގެ އިތުރުން ސީސީޓީވީ ފުޓޭޖާއި، އެ ފުޓޭޖުން ނަގާފައިވާ ވީޑިއޯ، އިމޭޖް އެނާލިސިސް ރިޕޯޓާއި، އޭޑީކޭ ޑޮކްޓަރުންގެ ދެ ރިޕޯޓަކާއި އަނަސްގެ މަރު ސާބިތުކުރި ރިޕޯޓާއި އިންޓެލް ރިޕޯޓާއި ކޯލް ޑީޓެއިލް ޗާޓާއި ކްރައިމް ސީން ރިޕޯޓާއި ތަހުގީގީ ރިޕޯޓް ވަނީ ހުށަހަޅާފަ އެވެ. ތަހުގީގީ ރިޕޯޓް ސިއްރުކުރުމަށް ޕީޖީއިން އެދުނެވެ.

ދިފާއީ ވަކީލުން ހެކިތަކަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، ތަހުގީގީ ރިޕޯޓް ސިއްރު ނުކުރެވޭނެ ކަމަށެވެ. އެ ރިޕޯޓް އެކުލަވާލާފައިވަނީ، ތަހުގީގުގައި ދައުވާ ލިބޭ ފަރާތްތަކުން ފާހަގަކުރި ގިނަ ކަންތައްތަކަކަށް ރިޔާއަތް ނުކޮށް ކަމަށާއި އެހެންވެ، އެ ރިޕޯޓް ދައުވާ ލިބޭ މީހުން ބަލަން ބޭނުންވާ ކަމަށެވެ. އެކަމާ ގުޅިގެން ޕީޖީގެ ވަކީލް ވިދާޅުވީ، ރިޕޯޓް އާންމުކޮށްފިނަމަ، ސިއްރު ހެކިންގެ މައުލޫމާތު ހާމަވެދާނެ ކަމަށެވެ. އެހެންވާނަމަ، އެ ފަރާތްތަކުގެ ވަނަވަރު ކަޅު މާކަރަކުން ކަނޑާފައިވެސް ރިޕޯޓް ހިއްސާކޮށްދިނުމަށް ދިފާއީ ވަކީލުން އެދުނެވެ. ނަމަވެސް އެ ރިޕޯޓް ހާމަކުރަން ޕީޖީއިން އިއުތިރާޒު ކުރާ ކަމަށް ޕީޖީގެ ވަކީލް ވިދާޅުވި އެވެ.

ދެން އެންމެ ބޮޑަށް ސުވާލު އުފެއްދީ، ވީޑިއޯ، އިމޭޖް އެނާލިސިސް ރިޕޯޓާ ގުޅޭ ގޮތުންނެވެ. އެ ރިޕޯޓް ދައުވާ ލިބޭ ފަރާތަތަކަށް ދޫކޮށްފައިވާ އޭގައިވާ ފޮޓޯތަކުން އެއްވެސް އެއްޗެއް ސާފުނުވާ ކަމަށް ވަކީލުން ފާހަގަކުރި އެވެ. ފޮޓޯތައް ހުރީ ކަޅުކޮށް އެއްޗެއް ސާފުވާ ގޮތަށް ނޫން ކަމަށެވެ. އަދި އެ ރިޕޯޓްގައި، ދައުވާ ލިބޭ މީހުންގެ ސިފަތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ސިފަތަކާ ދިމާވާ ކަމަށް ބަޔާންކޮށްފައިވާތީ، އެފަދަ ސިފަތަކަކީ އާންމުކޮށް އެންމެންގެ ވެސް ހުންނަ ސިފަތަކެއް ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި އެ ފޮޓޯތައް ނުސާފުކަމުން އިންސާނެއް އެ ފޮޓޯތަކުގައި ހިމެނޭ ކަމެއް ވެސް ނޭނގޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޕީޖީއިން ޝަރީއަތަށް ފޮނުވާފައިވަނީ އެ ރިޕޯޓްގެ ކުލަ ކޮޕީއެކެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ، އާދަމް އާރިފް ވަނީ ދައުވާ ލިބޭ ފަރާތަަކަށް ވެސް ކުލަ ކޮޕީއެއް ފޯރުކޮށްދިނުމަށް އަންގަވާފަ އެވެ. އޭރަށް ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފަސޭހަވާނެ ކަމަށް ދިފާއީ ވަކީލުން ވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސީސީޓީވީ ފުޓޭޖާއި، އެހެން ވެސް ބައެއް ރިޕޯޓްތައް ދައުވާ ލިބޭ މީހުންނަށް ލިބިފައިނުވާތީ ވެސް ވަކީލުން ކަންބޮޑުވި އެވެ. އަދި، މައްސަލަ ހުށަހަޅާއިރު ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާއިރު އެކަން ނުކޮށް އޮތުމުން އެ ލިޔެކިޔުންތައް ހެކީގެ ގޮތުގައި ބަލައިގެނެގެން ނުވާނެ ކަމަށް ވެސް ދިފާއީ ވަކީލުން ފާހަގަކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅިގެން ގާޒީ އާރިފު ވިދާޅުވީ، މައްސަލަ ހުށަހެޅުއްވި ޕީޖީއިން ޝަރީއަތަށް ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާ ކަމަށެވެ. ޕީޖީ ވަކީލް ވިދާޅުވީ، ސިއްރު ނޫން ހުރިހާ ލިޔެކިޔުމެއް ދޫކުރާނެ ކަމަށާއި ބައެއް ލިޔުންތައް ނުދީ ފަސްކުރީ އަޑުއެހުންތައް ފެށެދެން ކަމަށެވެ.

ގާޒީ އާރިފު ވިދާޅުވީ، އެއީ، ގާނޫނަކުން މަނާ ކުރާ ކަމެއް ނޫން ކަމަށާއި ނަަމަވެސް ބައެއް ލިޔެކިޔުންތައް ފަހުން ދިނުމަށް ޕީޖީއިން ބޭނުންވާ ސަބަބުގެ ހިކުމަތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޕީޖީއިން ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ލިޔެކިޔުންތައް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހުށަހަޅާފައިވާ ސިއްރު ހެކިތަކާ ގުޅޭ ގޮތުން ދިފާއީ ވަކީލުން ވިދާޅުވީ، އެ ހެކިވެރިންނަށް ދައުވާ ލިބޭ މީހުން އެތަނުގައި ހަރަކާތްތެރިވިކަން ސީދާ ބުނަން އެނގޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެމީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށް ދައުވާގައި ބުނާއިރު، ދައުވާކޮށްފައިވަނީ އަނަސް މަރާލުމުގައި ހަރަކާތްތެރިވި މީހުންކަން ސާބިތުކުރާނީ ކިހިނެއްތޯ ވަކީލުން ސުވާލު އުފެއްދި އެވެ. އެއީ ގަސްދުގައި މީހަކު މަރާލިކަން ސާބިތުކުރުމަށް ވަރަށް ފުރިހަމަ ހެކި ބޭނުންވާނެ ކަމަށާއި އެއީ ފުރިހަމަ ހެކިތަކެއް ގަބޫލު ނުކުރައްވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. ދައުވާ ލިބޭ ބައެެއް މީހުން އެ ހާދިސާ ހިނގިއިރު، މާލޭގައި ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެ އެވެ.

އަނަސް މަރާލީ، ދައުވާ ލިބޭ މީހުންކަން ސާބިތުކުރުމަށް ޕީޖީގެ ފަރާތުން އިންޓެލް ރިޕޯޓް ވެސް ހުށަހަޅާފައިވާތީ، އެއީ ހެއްކެއްގެ ގޮތުގައި އެއްގޮތަކަށް ވެސް ބަލައިގެނެގެން ވާނެ އެއްޗެއް ނޫން ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. އެ ވަކީލުން ވިދާޅުވި ގޮތުގައި، އިންޓެލް ރިޕޯޓަކީ ހެކީގެ ގޮތުގައި ބޭނުން ނުކުރެވޭނެ އެއްޗެއް ކަމަށް އޭގައި ވެސް ބަޔާންކޮށްފައިވާ ކަމަށާއި އަދި އެހެން ނިންމުންތަކުގައި ވެސް އިންޓެލް ރިޕޯޓަކީ ހެއްކެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީގެ ވަކީލް ވިދާޅުވީ، އިންޓެލް ރިޕޯޓް ހުށަހަޅާފައިވާ ފުރިހަމަ ހެއްކެއްގެ ގޮތުގައި ނޫން ކަމަށާއި ނަމަވެސް އޭގައިވާ ބައެއް މައުލޫމާތުތަކަކީ އެހެން ހެކިތަކާ ގުޅޭ، އަދި ދައުވާ ލިބޭ މީހުންނަކީ ކުރިން ވެސް އެކުގައި އުޅުނު ބައެއްކަން އެނގޭފަދަ މައުލޫމާތުތަކެއް ކަމަށެވެ. އެހެންވެ، އެ ހުށަހަޅާފައިވަނީ ގަރީނާއެއްގެ ގޮތުގަ ކަމަށެވެ. ނަމަވެސް ގަރީނާއެއްގެ ގޮތުގައި ވެސް އިންޓެލް ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާއިރު، އަނަސް މަރާލާފައިވަނީ އޮޅުމަކުން ކަމަށް ފުލުހުން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައިވާތީ، ގަސްދުގައި މީހަކު މެރުމުގެ ދައުވާ ނުކުރެވޭނެ ކަމަށް ވެސް ދިފާއީ ވަކީލަކު ފާހަގަކުރެއްވި އެވެ. އެކަމާ ގުޅިގެން، ޕީޖީގެ ވަކީލް ވިދާޅުވީ، ގާނޫނުން ބަލާނީ ވަކި މީހަކު މެރިތޯ ނޫން ކަމަށާއި އަނަސްއަށް ހަމަލާދީފައިވަނީ މީހަކު މަރާލުމުގެ ގަސްދު އޮވެގެން ކަމަށެވެ. މަރުވީ ރަނގަޅު މީހާތޯ ނުވަތަ ނޫންތޯ މުހިންމު ނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ މީހުންގެ ބަންދު އިތުރުކޮށްފައިވާ ގޮތާމެދު ވެސް ސުވާލު ވަނީ އުފައްދާފަ އެވެ. އެމީހުންގެ މައްޗަށް ދައުވާކުރާ ބިރު ދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރާ ގާނޫނުގައިވާ މުއްދަތުގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައިނުވާކަން ވަކީލުން ފާހަގަކުރެއްވި އެވެ. އެ ގާނޫނުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ޖެހޭނީ ފުރަތަމަ 15 ދުވަހެވެ. އެއަށްފަހު ބަންދު އިތުރުކުރާނަމަ ވަކި މުއްދަތެއް ބަޔާނެއް ނުކުރެ އެވެ. ނަމަވެސް 30 ދުވަސް ތެރޭގައި ޝަރީއަތް ފަށަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ. އެ މުއްދަތުގައި ޝަރީއަތެއް ނުފަށަ އެވެ.

އެކަމާ ގުޅިގެން، ޕީޖީ ވަކީލް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދެވިދާނެ ކަމަށެވެ. އެގޮތުން މުއްދަތު އިތުރުކުރުމަށް ކޯޓުގައި އެދިފައިވާނެ ކަމަށާއި ކޯޓުން މުއްދަތު އިތުރުކޮށްދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ 60 ދުވަހަށްވުރެ އިތުރުނުވާ މުއްދަތެއް ކަމަށެވެ. އަދި، އެ މުއްދަތުގައި ކޯޓަށް މައްސަލަ ފޮނުވާފައިވާނެކަން ވަކީލް ފާހަގަކުރެއްވި އެވެ. ދިފާއީ ވަކީލުން ވިދާޅުވީ، ބަންދު އިތުރުކުރުމުގައި ދެ ގާނޫނަށް ބަލައިގެން ދެ ގާނޫނު އެއްކޮށްލައިގެން އަމަލު ނުކުރެވޭނެ ކަމަށެވެ. އަމަލު ކުރަން ޖެހޭނީ ދައުވާ އުފުލާފައިވާ ގާނޫނަށް ކަމަށާއި ދައުވާ ލިބޭ ފަރާތްތަކުގެ ހައްގުތައް ގެއްލިގެން ނުދާނީ އޭރަށް ކަމަށެވެ.

ނަމަވެސް ޕީޖީގެ ވަކީލް ވިދާޅުވީ، އެ ގާނޫނުގައި މުއްދަތު އިތުރު ކުރެވިދާނެ ވަކި މުއްދަތެއް ނެތް ކަމަށެވެ. އެހެންވެ، ޕީޖީއިން ދެކޭ ގޮތުގައި އެ ފަރާތްތަކުގެ ހައްގުތައް އެންމެ ބޮޑަށް ރައްކާތެރިކުރެވޭނެ ގޮތަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތަށް ވަގުތު އިތުރުކުރުން ކަމަށެވެ. ދިފާއީ ވަކީލުން ވިދާޅުވީ، ބިރު ދެއްކުމާއި ތޫނު ހަތިޔާރު މަނާކުރާ ގާނޫނުގައި، މުއްދަތު އިތުކުރެވޭނެ ވަކި މުއްދަތެއް ނެތް ނަމަވެސް ޝަރީއަތް 30 ދުވަހުގެ ތެރޭގައި ފަށަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވުމުން އެއީ މުއްދަތު ކަމަށް ބަލަންޖެހޭނެ ކަމަށެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ބަންދު އިތުރުކޮށްފައިވަނީ އެކަންކަމަށް ރިޔާއަތް ކުރުމަށްފަހު ކަމަށާއި ނަމަވެސް މި މަރުހަލާގައި އެކަން ފާހަގަކޮށްފައިވާތީ ޝަރީއަތުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި މައްސަލަކީ އަސާސީ މިންގަނޑުގެ ދަށުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ހެކިތަކަށް ރިޔާއަތްކޮށް ގާޒީ ނިންމަވަންޖެހޭނެ އެވެ. ހުރިހާ ލިޔެކިޔުންތައް ލިބުމުން ބާއްވާ އަޑުއެހުމުގައި އެ ލިޔެކިޔުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ނިމުމުން މައްސަލަ ކުރިއަށް ގެންދެވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅުއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ކުރިއަށް ގެންދާ ގޮތަށް ކަނޑައަޅުއްވައިފިނަމަ، މައްސަލާގެ ޝަރީއަތް ފެށުމުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ލިބޭނެ އެވެ. މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ.

އަނަސްއަށް ގްރޫޕަކުން ހަމަލާދީ މަރާލީ އޮޅުމަކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ. އަނަސް މަރާލި މައްސަލާގައި މި ހަތް މީހުންގެ އިތުރުން ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. އޭނާ ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.