ވިޔަފާރި

ދިވެހިންގެ ހިތްހެޔޮކަމަކީ އިންވެސްޓަރުންނަށް ލިބޭ އެންމެ ބޮޑު ހަދިޔާ: ޖަނާ

Dec 19, 2017

ދިވެހިންގެ ހިތްހެޔޮ ކަމަކީ ރާއްޖޭގައި އިންވެސްޓް ކުރާ އިންވެސްޓަރުންނަށް ލިބޭ އެންމެ ބޮޑު ރިޓާން ކަމަށް، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް 2017) ހުޅުއްވައި ދެއްވުމަށް ބޭއްވި، އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޖަނާހު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދެކުނު އޭޝިޔާގައި އޮތް އިންވެސްޓްމަންޓަށް އެންމެ ފަހި، އަދި އިންވެސްޓްމަންޓުގެ ބަދަލު އެންމެ ކުރު މުއްދަތުން ލިބޭ ގައުމު ކަމަށް ވިދާޅުވި އެވެ.

"މެދު އިރުމަތީގައި ތެލާއި ގޭސް އޮތް ގޮތަށް ރާއްޖޭގައި މި އޮތީ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ހެޔޮކަން. ރާއްޖޭގެ ހެޔޮ ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންވެސްޓަރުންނަށް އިންވެސްޓް ކުރީމަ ލިބޭ ފައިދާ،" ޖަނާހު ވިދާޅުވި އެވެ.

މެދު އިރުމަތީގައި ތެލާއި ގޭސް އޮތް ގޮތަށް ރާއްޖޭގައި މި އޮތީ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ހެޔޮކަން. ރާއްޖޭގެ ހެޔޮ ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންވެސްޓަރުންނަށް އިންވެސްޓް ކުރީމަ ލިބޭ ފައިދާ
އެޗްއާރުސީގެ ޗެއާމަން، މުހައްމަދު އަލީ ޖަނާހު

ދުބާއީގެ 300 އަށް ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރި، މި ފޯރަމްގައި ޖަނާހު ވިދާޅުވީ ރާއްޖޭގައި ދުނިޔޭގެ ބޮޑެތި މަރުކާތަކުން އިންވެސްޓްކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގައި ފުރަތަމަ އިންވެސްޓް ކުރާތާ، ވަކި ހިސާބަކުން އިތުރު އިންވެސްޓްމަންޓްތައް ހަދާތަން އެބަ ފެނޭ. މީގެން އެނގެނީ ރާއްޖޭގައި އިންވެސްޓްމަންޓަށް އޮތް ތަނަވަސް މާހައުލު. ޝައުގުވެރިކަން މަތިކަން. މި ޝައުގުވެރިކަމުން ބައެއް ބޭފުޅުން އެ ބަތިބި އެއް ގްރޫޕަކުން 13 ވަރަކަށް އިންވެސްޓްމަންޓް ވެސް ހަދާފައި. މިއީ ލިބިގެންދާ އެންމެ ބޮޑު އުފާ،" ޖަނާހު ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ އިންވެސްޓް ކުރާތާ، ވަކި ހިސާބަކުން އިތުރު އިންވެސްޓްމަންޓްތައް ހަދާތަން އެބަ ފެނޭ. މީގެން އެނގެނީ ރާއްޖޭގައި އިންވެސްޓްމަންޓަށް އޮތް ތަނަވަސް މާހައުލު. ޝައުގުވެރިކަން މަތިކަން. މި ޝައުގުވެރިކަމުން ބައެއް ބޭފުޅުން އެ ބަތިބި އެއް ގްރޫޕަކުން 13 ވަރަކަށް އިންވެސްޓްމަންޓް ވެސް ހަދާފައި
ޖަނާހު

ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލްކުރާ ޖަމިއްޔާ، މަސީގެ ރައީސްކަން ގިނަ އަހަރުތަކެއްގައި ކުރައްވާފައިވާ ވިޔަފާރިވެރިޔާގެ ސްޕީޗަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެ އެވެ. މި ފޯރަމްގައި ޖަނާހު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ގިނަ ދާއިރާތަކެއް އެބަހުރި ކަމަށެވެ.

"ސަރުކާރާ ގުޅިގެން ޕްރައިވެޓް ސެކްޓާގެ މަސައްކަތް ވަރަށް ކާމިޔާބު. ރާއްޖޭގައި ރިސޯޓުތައް ތަރައްގީ ކުރުމުގެ އިތުރުން ގިނަ ދާއިރާތަކެއްގައި އިންވެސްޓް ކުރަން ފުރުސަތު އޮތް. ރާއްޖޭން އަބަދު ވެސް އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ،" ބޭރުގެ މަޝްހޫރު ބްރޭންޑްތައް ގެނެސް، ރާއްޖޭގައި ވިޔަފާރި ކުރަމުން ގެންދާ، ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަކީ ދިވެހި ސަރުކާރުން ރާއްޖޭގައި އިންވެސްޓްމަންޓްތައް އިތުރު ކުރަން އަޅުއްވާ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި ޔޫއޭއީ ސަރުކާރުން ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ދެއްވި ޝައުގުވެރިކަން ޖަނާހު ފާހަގަ ކުރައްވާފައި ޝުކުރު އަދާ ކުރެއްވި އެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ ޝެއިހް މަހްތޫމް ހޯލްގައި އިންވެސްޓްމަންޓް ފޯރަމް ފައްޓަވައި ދެއްވީ ނައިބް ރައީސް އަބްދުﷲ ޖިހާދު އެވެ. ފޯރަމް ފެށުމުގެ ގޮތުން ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު ސުލްތާން ބިން ސައީދު އަލް މަންސޫރާއި ދުބާއީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ޗެއާމަން މާޖިދު އަލް ޝަމްސްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ.

އެމްއައިއެފް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގެ މެރީނާބޭ ހޮޓަލުގަ އެވެ. މީގެ އިތުރުން 2015 ޗައިނާގެ ބެއިޖިންގައި ވެސް ފޯރަމް ބާއްވާފައިވާއިރު މިދިޔަ އަހަރުގެ ފޯރަމް އޮތީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގަ އެވެ.އެ