ދުނިޔެ

ދެކުނު އޭޝިއާ ޗައިނާގެ ނުފޫޒުން ސަލާމަތްކުރާނަން: އެމެރިކާ

ޗައިނާގެ ނުފޫޒު ގަދަވަމުން ދާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ސިޔާދަތު ދަމަހައްޓަން އެހީތެރިވާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން އިއްޔެ އިއުލާނު ކުރި އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ އާ ސްޓްރެޓެޖީގައި ބުނެފައި ވަނީ މި ސަރަހައްދުގައި އިންޑިއާއަށް ލީޑަޝިޕް ދައުރެއް އަދާކުރުމަަށް އެމެރިކާއިން ތާއީދު ކުރާނެ ކަމަށެވެ.

" ޗައިނާއިން ސަރަހައްދުގައި ނުފޫޒު ގަދަކުރުން ދާއިރު ދެކުނު އޭޝިއާ ގައުމުތަކުން އެގައުމުތަގެ ސިޔާދަތު ދަމަހައްޓަން އަހަރެމެން އެހީތެރިވާނަމެވެ،" އެެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން އާއްމު ކުރި އާ ސްޓްރެޓެޖީގައި ބުނެފައި ވެއެވެ.

އާ ސްޓްރެޓެޖީ ހާމަކުރުމުގެ ލިއުމުގައި އިންޑިއާ ސިފަކޮށްފައި ވަނީ އަރަމުން އަންނަ ބާރެއްގެ ގޮތުގައެވެ. އަދި އެއީ ދިފާއީ ގޮތުން އެމެރިކާއާ ވަރުގަދަ ގުޅުމެއް އޮންނަ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ވެސް ވަނީ ސިފަކޮށްފައެވެ. ދެކުނު އޭޝިއާ ސަރަހައްދާއި އެމެރިކާއި ސަރަހައްދާ ގުޅުވާލައިގެން ، ސިޔާސަތު ކަނޑައަޅަން އެމެރިކާއިން އަލަށް އުފައްދައިގެން އުޅޭ މަފްހޫމެއް ކަމަށްވާ " އިންޑޯ ޕެސިފިކް" އަށް އާ ސްޓްރެޓެޖީގައި އިސްކަމެއް ދީފައި ވެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ނުފޫޒު ގަދަ ކުރުމުގައި އިންޑިއާއާ ޗައިނާއާ ދެމެދު ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެއެވެ. އެކަމުގައި އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނީ ވަކިފަރާތަކަށް ނުޖެހުުމުގެ ސިޔާސަތެކެވެ. ނަމަވެސް މިހާެރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާއިން ފާޅުގައި ބުނަމުން ދަނީ މި ސަރަހައްދުގައި އިންޑިއާއަށް ތާއީދު ކުރާނެ ކަމަށެވެ.

އިގުތިސާދީ ގޮތުން ޗައިނާގެ ނުފޫޒު މިސަރަހައްދުގައ ވަނީ ގަދަވެފައެވެ. އެގައުމުން ކުރިއަށް ގެންދާ ' ބެލްޓް އެންޑް ރޯޑް ' މަޝްރޫއަށް ސަރަހައްދުގެ ބައެއް ގައުމުތަކުން ދަނީ އެއްބާރުލުން ދެމުންނެވެ. އެގޮތުން ރާއްޖެއާއި ޕާކިސްތާނާއި ލަންކާއިން އަންނަނީ އެކަމުގައި ޗައިނާއަށް އެއްބާރުލަމުންނެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ބެލްޓް އެންޑް ރޯޑް މަޝްރޫއަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުން އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާއިންް ބުނެފައި ވަނީ ރާއްޖޭން އެގައުމަށް އިސްކަންދޭން އެދޭ ކަމަށެވެ.