ދުނިޔެ

މޯދީއާއެކު ބީޖޭޕީން ގުޖުރާތު ނެގީ އުނދަގުލުން

އިންޑިއާގެ ގުޖުރާތުގައި އިއްޔެގައި ބޭއްވި އިންތިހާބާ މެދު މަދު ހަފުތާތަކެއް ކުރިން ވިސްނައިލި ނަމަވެސް މަންޒަރު އޮތީ ވޯޓުން ފެނުނު މަންޒަރާ މުޅިން ތަފާތުކޮށެވެ. ވެރިކަން ކުރާ ބީޖޭޕީއަށް އެ އިންތިހާބު ކާމިޔާބުވަންޏާ ވާނީ މުއުޖިޒާތަކުންނޭ ބުނެވޭހާ ވެސް އެޕާޓީއަށް ގޮންޖެހުންތައް އޮތީ ބޮޑުކޮށެވެ.

ބޮޑުވަޒީރު ނަރެންދުރާ މޯދީ އިސްވެ ހުންނަވައިގެން ބީޖޭޕީން ގުޖުރާތުގައި ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އަޅަން އިދިކޮޅު ކޮންގްރެސް ޕާޓީއަށް ބައިއަތު ހިފީ އެންމެ 24 އަަހަރުވީ، އިންޑިއާގެ ސިޔާސީ މަޝްރަހަށް ވަރަށް ޅަ ޕާޓީއަކުނުންވެ. ހަރްދިކް ޕަޓޭލްގެ ލީޑަޝިޕްގެ ދަށުގައި ނުކުތް އެޕާޓީން އޭރުގައި ގުޖުރާތުގެ ދަނޑުވެރިންގެ ހިތްތައް ފަތަހަ ކޮށްފައިވާ ކަަމަށް ގަބޫލު ކުރެވުނެވެ. ކޮންގްރެސް އިން ވެސް ކުރިއަށް ވުރެ ބޮޑު ހިތްވަރެއް މި އިންތިހާބުގައި ކުރިއެވެ. އާއްމުގޮތެއްގައި 'ވަނދު' ލީޑަރެއްގެ ގޮތުގައި އިންޑިއާގެ މީޑިއާއިން ސިފަކުރާ ރާހުލް ގާންދީ ކޮންގްރެސްގެ ރިޔާސަތަށް ވަޑައިގެންނެވި ފަހުން އޭނާވެސް ވަނީ ތަންކޮޅެއް ހަރުދަނާ ވެވަޑައިގެންފައެވެ.

ކޮންގްރެސްއަށް ކާމިޔާބު ބަޔަކަށް ވެވެން އޮތް

އިންޑިއާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ކުރިން ވިދާޅުވަމުން ގެންދެވީ ގުޖުރާތުގެ އިންތިހާބަކީ ކޮންގްރެސް ޕާޓީ އަލުން ތެދުވަން ލިބުނު ފަހި ފުރުސަތެއްގެ ގޮތުގައެވެ. މޯދީއާއި އެކު ބީޖޭޕީން އެ ސްޓޭޓުގައި އާދަޔާ ހިލާފަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނީ ވެސް އެހެންވެއެވެ.

ގުޖުރާތުގެ އިންތިހާބުގައި ކެމްޕޭން ކުރެއްްވުމަށް މޯދީ ޖުމްލަ 40 ޖަލްސާއެއްގައި ބައިވެރިވަޑައިގެންނެވިއެވެ. އޭނާ ބޭނުން ކުޅުއްވި އެެއް ކާޑަކީ ގުުޖުރާތުގެ ބައި ގިނަ ހިންދޫންގެ ދީނީ ރޫހު އާލާ ކުރެއްވުމެވެ. ދެން ވެވަޑައިގެންނެވި ވައުދަކީ އިގުތިސާދީ ތަރައްގީ ގެންނަވާނެ ކަމުގެ ވައުދެވެ.

މޯދީ ކުޅުއްވި އަނެއް ކާޑަކީ އިދިކޮޅު ބީޖޭޕީގެ މަކަރުވެރި ރޭވުންތަކުގެ ޝިކާރައަކަށް އޭނާ ވެވަޑައިގެންފައިވާ ކަމަށް މީހުންނަށް ވިސްނައި ދެއްވުމެވެ. އެގޮތުން އަވަށްްޓެރި އަދި އިންޑިއާގެ އެންމެ ބޮޑު ހަތުރުކަމަށްވާ ޕާކިސްތާނުން ކޮންގްރެސްއަށް މަދަދު ކުރި ކަމުގެ ދައުވާއެއް ވެސް އޭނާ ކުރެއްވިއެެވެ.

އެހުރިހާ މަސައްކަތާއި އެކުގައި މެ، ބީޖޭޕީއަށް ގުޖުރާތު ކާމިޔާބުވީ ވަރަށް ހަނި ގޮތަކަށެވެ. ގުޖުރާތު ޕާލަމެންޓުން އެ ޕާޓީއަށް ލިބުނީ 54 ޕަސެންޓުގެ މެޖޯރިޓީއެކެވެ. އެއީ 182 ގޮނޑީގެ ތެރެއިން 99 ގޮނޑިއެވެ. އިދިކޮޅު ކޮންގްރެސް އިން 77 ގޮނޑިއާއި އެކު 42 ޕަސެންޓް ހޯދި އިރު އެޕާޓީއާ ބައިވެރިވި ކުޑަ ޕާޓީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ.

މި ނަތީޖާއާ އެކު އިންޑިއާގެ ސިޔާސީ ހަގީގަތަކީ ނަރެންދުރާ މޯދީގެ ޒައާމަތުގައި ބީޖޭޕީ ބަލި ކުރުމަކީ އަދި ފަސޭހަ ކަމެއް ނޫން ކަަމެވެ. އޭނާ ބޮޑުވަޒީރުު ކަމަށް ވަޑައިގެންނެވި ފަހުން ބޭއްވި އިންތިހާބުތަކުން ފެންނަނީ އެ މަންޒަރެވެ. އެކަމަކު ބީޖޭޕީއަށް ވެސް މިހާރު ކާމިޔާބީ އެހާ ފަސޭހައެއް ނޫނެވެ.