ދުނިޔެ

އެމެރިކާގައި ރޭލެއް ފުރޮޅާލައި ތިން މީހުން މަރުވެއްޖެ

އެމެރިކާގެ ވޮޝިންޓަން ސްޓޭޓުގައި ރޭލެއް، ރޭލު ދަގަނޑުމަތިން ފުރޮޅައިލުމުގެ ސަަބަބުން ތިން މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ސީއެންއެން ބުނީ ހޯމަ ދުވަހުގެ ރޭ ދަންވަރު ހިނގި އެހާދިސާގައި ރޭލުގެ 13 ކާރު ( ކޮމްޕާޓްމެންޓް) ދަގަނޑު މަތިން ފުރޮޅާލައި ތިރީގައިވާ މަގަށް ވެއްޓުނު ކަމަށެވެ.

އާމްޓްރެކް 501 ނަމަކަށް ކިޔާ ރޭލު ފުރޮޅައިލީ އަލަށް ދަތުރުކުރަން ފެށި މަގަކުން ފުރަތަމަ ކުރި ދަތުރުގައެވެ. ހާދިސާގައި މަރުވި ތިން މީހުންނަކީ ވެސް ރޭލު ތެރޭގައި ތިބި މީހުންނެވެ. ހާދިސާގައި ޒަހަމްވީ މީހުން މިހާރު ވަނީ ތާސްޓަން ކައުންޓީއާއި ޕަޔާސް ކައުންޓީގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. ޑޫޕޮންޓް ފަޔާ ޗީފް ލެރީ ކްރީކްމޯ އާ ހަވާލާދީ ސީއެންއެން ބުނީ ޒަހަމްވީ މީހުންގެ ތެރެއިން ތިން މީހެއްގެ ހާލަތު ނާޒުކު ކަމަށެވެ.

ރޭލު ފުރޮޅައިލި ހާދިސާ ތަހުގީގު ކުރުމަށް އެމެރިކާގެ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން މިހާރު ވަނީ 20 މެމްބަރުން ހިމެނޭ ވަފުދެއް ، ހާދިސާ ހިނގި ސަރަހައްދަށް ފޮނުވާފައެވެ.

ރޭލު ދަގަނޑުމަތިން ފުރޮޅައިލުމަކީ އެމެރިކާގައި ވަރަށް މަދުން ހިނގާ ކަމެކެވެ.