ދުނިޔެ

ވެރިކަން ބަދަލުކުރި އޮޕަރޭޝަން ނިމުނުކަން ޒިމްބާބްވޭ ސިފައިން އިއުލާނުކޮށްފި

ޒިމްބާބްވޭ މިނިވަން ވީއްސުރެ އެގައުގެ ވެރިކަމުގައި ހުންނެވި ރޮބަޓް މުގާބޭގެ ވެރިކަން ވެއްޓެން މެދުވެރި އޮޕަރޭޝަން ނިންމައިލިކަން އެގައުމުގެ ސިފަައިން ރަސްމީކޮށް މިއަދު އިއުލާނުކޮށްފިއެވެ.

"އޮޕަރޭޝަން ރެސްޓޯ ލެގަސީ" ގެ ނަމުގައި ހިންގި އޮޕަރޭޝަން ނިންމައިލިކަން އިއުލާނުކުރެއްވީ ޒިމްބާބްވޭ ސިފައިންގެ އާ ކޮމާންޑަރު ޖެނެރަލް ފިލިޕް ވަލޭރިއޯ ސިބަންޑާ އެވެ. ޒިމްބާބްވޭގެ ގައުމީ ޓީވީން ދުރަށް ދެއްކި ތަގުރީރެއްގައި ސިބަންޑާ ވިދާޅުވީ ގައުމު އާއްމު ހާލަތަކަށް ގެނެވިފައި ވާތީ މަދަނީ ކަންތައްތައް ބެލެހެއްޓުން ކުރިއެކޭ އެއްގޮތަށް މިހާރު އަލުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރެސްޓޯ ލެގަސީ އޮޕަރޭޝަނަކީ ފާއިތުވި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ވެރިރަށް ޒިމްބާބްވޭގެ ކޮންޓްރޯލް އަތުލުމަށް ހިންގި އޮޕަރޭޝަނެކެވެ. އޭރު އެމީހުން ބުނީ އެއޮޕަރޭޝަނުގެ އަމާޒަކީ މުގާބޭގެ ވަށައިގެން ތިބި ކުށްވެރިންތަކެއް ހޯދައި ހައްޔަރު ކުރުން ކަމަށެވެ. ނަމަވެސް އެއޮޕަރޭޝަނުގައި މުގާބޭ ގޭބަންދުކޮށް، އިސްތިއުފާ ދެއްވުމަށް އޭނާއަށް ބާރު އެޅިއެވެ. ނަމަވެސް އިސްތިއުފާ ދެއްވަން މުގާބޭ އެއްބަސްވެވަޑައިގެންނެވީ ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީގެ ލީޑަރުކަމުން އޭނާ ވަކިކޮށް، ޕާލަމެންޓުން އޭނާ އިމްޕީޗްކުރާ ހިސާބަށް ދިއުމުންނެވެ.

ޖެނެރަލް ސިބަންޑާ މިއަދު ވިދާޅުވީ ގައުމު ސަލާމަތް ކުރުމަށް ހައްޔަރު ކުރަން ޖެހޭ ބައެއް މީހުން ހައްޔަރު ކުރެވުނު ނަމަވެސް އަނެއްބައި މީހުން ގައުމު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ޒިމްބާބްވޭ ސިފައިން މުގާބޭއާ ދެކޮޅަށް ތެދުވީ އޭނާއަށް ފަަހު އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ގެންނަވަން މަގު ކޮށްޓަވަން ފެއްޓެވުމުންނެވެ. އެގޮތުން އެޅުއްވި އެއް ފިޔަވަޅަކީ އޭރު ނައިބުރައީސްކަމުގައި ހުންނެވި އެމާސަން ނަންގަގްވާ މަގާމުން ދުރުކުރެއްވުމެވެ.

މުގާބޭ އިސްތިއުފާ ދެއްވުމުން ޒިމްބާބްވޭގެ ރައީސްކަމަށް ވަޑައިގެންނެވީ އޭރު މަގާމުން ދުރުކޮށްފައި ހުންނެވި ނައިބު ރައީސް އެމާސަން ނަންގަގްވާއެވެ.