ދުނިޔެ

ސައުދީން މިމަހު ޔަމަނަށް ދިން ހަމަލާތަކުގައި 136 މަރު

ޔަމަނުގެ ހޫސީ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަަށް ބުނެ ސައުދީ އަރަބިއްޔާއިން މިމަހު އެގައުމަށް ދިން ވައިގެ ހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދު 136 އަށް އަރައިފިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ތަރުޖަމާނާ ހަވާލާދީ ރޮއިޓާސް ބުނީ ސައުދީން ދިން ހަމަލާތަކުގައި މިހިނގާ ޑިސެމްބަރުމަހުގެ ހަވަނަ ދުވަހުން ފެށިގެން މިހައިތަނަށް މަރުވި މީހުންގެ ތެރެއިން 136 މީހުންނަކީ ހަނގުރާމައިގައި ބައިވެރި ނުވާ މީހުން ކަމަށެވެ. އަދި ބުނީ ހަނގުރާމަ ނުކުރެވޭ ހާލަތުގައި ތިއްބައި މަރައިލި މީހުންގެ ތެރޭގައި ޔަމަނުގެ ރައީސްގެ ގޮތުގައި ސައުދީން ބަލައިގަންނަ އަބުދުއް ރައްބު މަންސޫރު ހާދީއަށް ވަފާތެރި ސިފައިންގެ ބަޔަކު ވެސް ހިމެނޭ ކަމަށެވެ. އެމީހުންނަކީ ހޫސީންގެ އަތްދަށުގައި ރަހީނުވެފައިވާ ބައެކެވެ.

އދ. އިން ބުނީ އާއްމުންގެ އެހާ ގިނަ މީހުން މެރުމުގެ އިތުރުން ސައުދީ އިއްތިހާދުން ޔަމަނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ވެސް ލުއި ނުކުރާ ކަމަށެވެ.

ސައުދީން ހޫސީންނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަކުރީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބުދުﷲ ސޯލިހު އަވަހާރަކޮށްލި ފަހުންނެވެ. ހޫސީން ސޯލިހު އަވަހާރަކޮށްލީ އޭނާ އެމީހުންނާ ބައިވެރިވެގެން ދެ އަހަރު ވަންދެން އުޅުއްވުމަށް ފަހު ސައުދީ އާ މަޝްވަރާ ކުރައްވަން އުޅުއްވުމުންނެވެ.

ހޫސީ ހަނގުރާމަވެރިން މިއަދު ވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައެވެ. ނަމަވެސް އެ މިސައިލްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ސައުދީ އަސްކަރިއްޔާ އިން ވަނީ ރިޔާދުގެ ވައިގެ ސަރަހައްދުން އެ މިސައިލްތައް ގޮއްވާލައިފަ އެވެ.

ހޫތީ ހަނގުރާމަވެރިންގެ ތަރުޖަމާން، މުހައްމަދު އަބްދުއް ސަލާމް ބުނީ ރިޔާދަށް މިއަދު ހަމަލާދީފައި ވަނީ، ޔަމަނުގައި އުފައްދާފައިވާ "ބުރުކަން -2" މިސައިލެއް ބޭނުންކޮށްގެން ކަމަށާއި އެ މިސައިލް ފޮނުވާލީ ރިޔާދުގައި ހުންނަ ޝާހީ ގަނޑުވަރު އަލް ޔަމާމާއަށް އަމާޒުކޮށްގެން ކަމަށެވެ. ސައުދީގެ ޝާހީ އާއިލާއިން ހިންގާ، އަލްއަރަބިއްޔާ ނިއުސްނެޓް ވޯކުން ބުނީ މި ސައިލް އަލް-ޔަމާމާ ގަނޑުވަރަށް ފޮނުވާލި އިރު ސައުދީ ޝާހީ އާއިލާގެ އިސް ބޭފުޅުންތަކެއް އެ ގަނޑުވަރުގައި ބައްދަލުކުރައްވަމުން ދިޔަ ކަމަށެވެ.

މަންޒަރުދުށް ބައެއް މީހުން ބުނި ގޮތުގައި، ރިޔާދުގެ މަތިން ބާރު އަޑުފައްގަނޑެއް ގޮވައި ދުންއަރަމުން ދިޔަތަން ފެނުނު ކަމަށެވެ. އަދި ބައެއް އުސް އިމާރާތްތަކުގެ ބިއްލޫރިތަކަށް ވެސް އަސަރުކުރި ކަމަށް ބައެއް މީހުން ބުނެ އެވެ. އެ މިސައިލް ވައިގެ ތެރޭގައި ގޮވާ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

މިދިޔަ މަހުވެސް ހޫތީ ހަނގުރާމަވެރިން ވަނީ ރިޔާދުގެ އެއާޕޯޓަށް އަމާޒުކޮށް މިސައިލެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް އެ މިސައިލް ވެސް ސައުދީގެ އަސްކަރިއްޔާއިން ވަނީ ވައްޓާލައިފަ އެވެ. ހޫތީއިންނާ ދެކޮޅަށް ސައުދީ އާއި ގުޅިފައިވާ ގައުމުތަކުން ވަރުގަދަ ވައިގެ އަމަލަތެއް އަންނަނީ ދެމުން އެވެ. އެ ހަމަލާތަކުގައި ޔަމަންގެ އެތައް ތަނެއް ވަނީ ސުންނާފަތިވެފަ އެވެ.